ބޮލީވުޑްގެ ނަން މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ކުރިއަށް އޮތް ފިލްުގެ ނަން ހާމަކޮށްފައެވެ.

"ޑާލިންސް" ގެ ނަމުން ނަންދީފައިވާ މި ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މި ފިލްމަކީ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލިޒް އެންޓަޓައިންމަންޓް އިން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމަކީ މުމްބާއީގައި އުޅޭ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ދަރިއަކާ މަންމައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގައި އާލިއާ ލީޑު ރޯލުން ފެނިގެންދާއިރު ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ވިޖޭ ވަރްމާ، ޝެފާލީ ޝާހް އަދި ރޯޝަން މެތިއު ހިމެނެއެވެ.

ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރާ މި ފިލްމަކީ އާލިއާ އާ ޝާހްރުކް އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މި ފިލްމުގައި ޝާހު ސްކްރީން ކުރިމަތިން ނުފެނު ނަމަވެސް ކެމެރާގެ ފަހަތުގައި އޭނާ ވަރަށް އެކްޓިވް ވާނެއެވެ. އާލިއާ އާ ޝާހް ސްކްރީނުން ފެނިގެންދިޔައީ 2016 ވަނަ އަހަރު ނުކުތް "ޑިއާ ޒިންދަގީ" އިންނެވެ.