ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 10،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން ކޮވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް މާލެ ސިޓީއަށް އިތުރު 68 ވޯޓުލާ މަރުކަޒު އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ވޯޓުލާ މަރުކަޒުގައި އެޗްޕީއޭގެ ގައިޑްލައިން އަށް އަމަލުކުރަމުންދޭތޯ ބެލުމަށާއި، ކިޔޫ ބެލެހެއްޓުމާއި ސުޕަވައިޒް ކުރަން ވޯޓުލާ ކޮންމެ މަރުކަޒަކަށް އެއް އޮފިޝަލަކު އިތުރުކުރަން ގައިޑްލައިންގައި ބުނެފައިވާ ކަމަށެވެ.

އެއް ފޮށި ބަހައްޓާފައި ހުންނަ މަރުކަޒުތަކުގައި ޖުމްލަ ނުވަ އޮފިޝަލުން ހަރަކާތްތެރިވާއިރު، ދެ ސެޓަޕް ހިމެނޭ މަރުކަޒުތަކުގައި 14 އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ.

ޝަރީފް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވާ ބެކަޕް ޕްލޭނާ ނުލާވެސް އިންތިހާބަށް ގާތްގަނޑަކަށް 8000 އޮފިޝަލުން ބޭނުންވާނެ ކަމަށެވެ. އެއީ އޮފިޝަލުންގެ ގޮތުގައި ބޭނުންވާ 7195 މީހުންނާއި ރިޒާވަރުންގެ ގޮތުގައި ބޭނުންވާ 735 މީހުންނެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން، އެޗްޕީއޭގެ ގައިޑްލައިންއާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑް އޮތް މާލެއަށް 40 ޕަސެންޓު އޮފިޝަލުން އިތުރުކުރަން ޖެހެ އެވެ. އެއީ 2878 އޮފިޝަލުންނެވެ.

އެހެންކަމުން މިފަހަރުގެ އިންތިހާބަށް ޖުމްލަ 10،073 އޮފިޝަލުން ބޭނުންވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންތިހާބުގެ ޓާސްކް ފޯސް އަށް މިހާތަނަށް ނަގާފައި ވަނީ 543 މުވައްޒަފުންނެވެ. އެއީ ކޮންމެ ރަށެއްގައި ފޯކަލް ޕޮއިންޓަކާ ފޯކަލް ޕޮއިންޓުންގެ އެހީތެރިންނާ އަދި އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނާ އެކު އެވެ. ޝަރީފް ވިދާޅުވީ އެހެންކަމުން އިތުރަށް 7927 ފަރާތެއް ބޭނުންވާ ކަމަށެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.

މިފަހަރުގެ އިންތިހާބަށް 735 ވޯޓުލާ މަރުކަޒު ބިނާކުރަންޖެހޭނެ ކަމަށް އީސީން ވަނީ ލަފާކޮށްފަ އެވެ. އެއީ ރިސޯޓުތަކަށާއި، އެޗްޕީއޭގެ ގައިޑްލައިންއާ ގުޅިގެން މާލެއަށް އިތުރުވާ ފޮށިތަކާ އެކު އެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން އެދޭ ހުރިހާ ރިސޯޓެއްގައި ވެސް ވޯޓުލުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.