ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެ މިނިސްޓްރިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ރާއްޖެއަކީ ސަލާމަތާއި ރައްކާތެރިކަން ބޮޑު ގައުމެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ވެފައިވާ މި ދަނޑިވަޅުގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން ރިސޯޓުތަކާއި ސަފާރީ، ގެސްޓްހައުސް އަދި ހޮޓާތަކަށް މިއަދު މިނިސްޓްރީން ވަނީ ސާކިޔުލާއެއް ފޮނުވައިފައެވެ. އެ ސާކިޔުލާގައއި ވަނީ ސްނޯކްލް ކުރުމާއި ފެނާއި މޫދު ކުޅިވަރތައް ކުޅޭއިރު މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން ސަލާމަތައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ ޕްލޭން ތަންފީޒުކުރުމަށާއި، އެކަން ތަންފީޒު ކުރުުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަތޯ ބެލުމަށްވެސް ވަނީ އެދިފައެވެ.

ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތައި ރައްކާތެރިކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އެދުނުއިރު، ރ އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ހޮނިހިރު ދުވަހު ސްނޯކްލިންގްއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ. އެ ފަތުރުވެރިޔާ ސްނޯކްލިން އަށް ދިޔައީ އެކަނި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.