17 Feb 2021, 09:04
މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތެހީ އަށް ކޮރިއޯގްރަފަރު ރެމޯ ޑިސޫޒާގެ "އޭބީސީޑީ 3" ހުށައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ފިލްމުގެ ރޯލެއް ނޯރާ އަށް ހުށައެޅި ކަމަށް ޚަބަރުތައް ބުނާއިރު އޭނާ އަކީ ރެމޯގެ ޑާންސް ފިލްމުތަކުން މީގެ ކުރިންވެސް ފެނިގެންދިޔަ ބަތަލާއެކެވެ. މި ފިލްމުން ނޯރާ ފެނިގެންދާނެ ކަމަށް އެންމެ ފުރަތަމަ އަޑުއަރަން ފެށީ އޭޏާ ރެމޯ އާ އޭނާގެ އަންހެނުންނާއެކު މަގުމަތިން ޕަޕަރާޒީންނަށް ފެނި އެ ފޮޓޯތައް އާންމުވުމާ ގުޅިގެންނެވެ.
ދާދިފަހުން މީޑީއާތަކަށް ދިން އިންޓަވިއުއެއްގައި ރެމޯ ބުނީ މި ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަދި މި ފިލްމަށް ނަގާނީ ވަރުގަދަ ނެށުންތެރިއެއް ކަމަށެވެ. ނޯރާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކުޅަދާނަ ނެށުންތެރިޔާއެވެ.
"ދިލްބަރު" ލަވައިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ނޯރާ އެލަވައަށް ފަހު ނެރޭ ކޮންމެ ލަވައަކަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެއެވެ.
އޭބީސީޑީ ފިލްމުގެ ފުރަތަމަ ބައި ގެނެސްދިނީ 2013 ވަނަ އަހަރުގައެވެ. ޕްރަބޫދޭވާއާ ގިނަ ނެށުންތެރިންތަކެއް ހިމަނައިގެން ގެނެސްދިން އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ފިލްމުގެ ދެވަނަ ބައިގައި ހަރަކާތްތެރިވީ ލީޑު ތަރިންނަކީ ޝްރައްދާ ކަޕޫރާ ވަރުން ދަވަންއެވެ. އެ ފިލްމު ރިލީޒްކުރީ 2015 ވަނަ އަހަރުގައެވެ.