ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މިދަތުރުފުޅުގައި މިރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ އެވެ. މީގެ އިތުރުން ފޮނަދޫގެ ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްދެއްވައި، ގަމުގައި ޑައިވިން ވިލެޖެއް ހުޅުއްވައިދެއްވާނެ އެވެ.

މީގެ އިތުރުން "ކޮޅުމަޑުލު، ހައްދުންމަތި – ތަރައްގީގެ ކުލަވަރު"ގެ ނަމުގައި ހާއްސަ ޖަލްސާއެއް މިރޭ ގަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި ތ. އަދި ލ. އަތޮޅުގެ ތަރައްގީއަށް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތަކާއި، ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު ރައްޔިތުންނާ ރައީސް ހިއްސާކުރައްވާނެ އެވެ.