އެސްޓީއޯ އިން ޓިވެޓް އޮތޯރިޓީއާ ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ. ޓިވެޓުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އާމިނަތު އަސްރާ އެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓީއޯގެ މަސައްކަތުގެ މާހައުލުގެ ތެރޭގައި އުޅެމުން ހުނަރު ދަސްކުރުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭނެ އެވެ. މި ޕްރޮގްރާމުގައި 50 ބައިވެރިންނަށް ފުރުސަތު ދޭން ނިންމާފައިވާއިރު ރީޓެއިލް ސާވިސް، އޮޓޮމޯޓިވް މެއިންޓެނަންސް އަދި އިލެކްޓްރީޝަނުންނާއި އައިޓީ ޓެކްނީޝަނުން ތަމްރީނު ކުރާނެ އެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދާނީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްގެ މިންގަނޑުތަކާއި، ސަރުކާރުގެ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މިންގަނޑުތަކާ އެއްގޮތަށެވެ.

ޕްރޮގްރާމު ފުރިހަމަ ކުރުމުން ލެވެލް ތިނެއް ގެ ސެޓްފިކެޓް ލިބޭނެ އެވެ.