16 Feb 2021, 20:25
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް ލޯކަލް ކައުންސިލް އިންތިހާބު މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުމަށް ހުރި ދަތިތައް ހައްލުކޮށްދީ، އިތުރު ކަމެއް ދިމާނުވެއްޖެ ނަމަ އޭޕްރީލް 10 ގައި އިންތިހާބު ބާއްވާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.
އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ އޭޕްރީލް 10 އެއްގައި އިންތިހާބު ބޭއްވުމަށް ދަތިވާތީ އެ ތާރީހު ފަސްކުރުމަށް މަޖިލީހުގެ ލަފަޔަކަށް އީސީން ވަނީ އެދިފަ އެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ވިދާޅުވީ އިންތިހާބު ފަސްކުރަން އީސީން ބަހަނާދައްކަމުން އަންނަ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބު މިހާރު އޮތް ދުވަހަށް އޮންނާނެ ކަމަށެވެ. އަދި އެ ތާރީހަށް ވުރެ އިންތިހާބު މަޖިލީހުން ފަސް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލިސް ރައީސްގެ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މަޖިލިސް ރައީސްގެ ވާހަކަފުޅަށް ޖަވާބެއް ދޭން ބޭނުން ނުވާކަމަށެވެ.
އެހެން ނަމަވެސް އެ ސިޓީގައި ހިމަނާފައި ވާނީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި ގުޅޭ ކަންބޮޑުވުންތަކާއި ކޮމިޝަންގެ މެމްބަރުންގެ ކަންބޮޑުވުންތައް ކަމަށެވެ.
އެގޮތުން އެންމެ ބޮޑު ކަމަކަށް ފާހަގަކޮށްފައިވާނީ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވަން ވަރަށް ބޮޑު ބަޖެޓެއް ބޭނުންވާތީ ހުރި ދަތިތަކުގެ ވާހަކަ ކަމަށެވެ. ޝަރީފް ވިދާޅުވީ ބަޖެޓު ބޭނުންވާ ކަންކަން ވަކިވަކިން ވަރަށް ތަފްސީލުކޮށް ސިޓީގައި ހިމަނާފައިވާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އެއް ވަނަ އިސްލާހުގައިވާ ގޮތުން، އިންތިހާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީހުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސް އިން އަމަލުކޮށްފައި ވާނީ އެ އިސްލާހުގައިވާ ގޮތަށް ކަމަށެވެ.
"އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް ގާނޫނީގޮތުން ނުލިބޭ ބާރެއް އަޅުގަނޑުމެން ބޭނުންކޮށްގެން ނޫޅެން. އޭގަ [ގާނޫނަށް ގެނައި އިސްލާހުގައި] އިންނަނީ އެޗްޕީއޭގެ ގައިޑްލައިން އާ އެކީގައި ތާރީހުގައި އިންތިހާބު ބާއްވަން ދިމާވާ ދަތިތައް މަޖިލީހަށް ހުށަހަޅަން. އެކަން އަޅުގަނޑުމެން ކުރީ،" ޝަރީފް ވިދާޅުވި އެވެ.
އޭގެ އިތުރުން ގައިޑްލައިން އޮތްގޮތުން ދިމާވާނެ ގާނޫނީ ހުރަސްތައް ވެސް ސިޓީގައި ބަޔާންކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެންމެ ބޮޑު ކަމެއްގެ ގޮތުގައި ހުށަހަޅާފައި އިންނާނީ އެޑްވައިޒަރީ ކޮމިޓީތަކުން ބޭއްވި ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތަކުން ވެސް ހުދު އެމްޑީޕީގެ ފަރާތުން ވެސް ފާހަގަކުރެއްވި އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން ސަރުކާރު ހިންގާ ޕާޓީއަށް ވެސް އިނގިލި ދިއްކުރުމުގެ ފުރުސަތު ތަނަވަސްވެފައި އެބަ އޮތޭ ވަކި ފަރާތަކަށް ކެމްޕޭނު ކުރަން ފުރުސަތު ލިބިފައި ވަކި ފަރާތަކަށް ނުލިބޭ ކަހަލަ ގޮތަކަށޭ އޮތީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމ ފުރުސަތު ހޯދައިދިނުމަށް ގާނޫނުން ލާޒިމުކުރާއިރު އެނޫން ގޮތަކަށް އީސީއަށް އަމަލުނުކުރެވޭނެ ކަމަށެވެ. އަދި މިހާރުވެސް އިންތިހާބުގައި ވާދަކުރާ، ރިސޯޓެއްގައި މަސައްކަތް ކުރާ ދެ ފަރާތަކަށް ކެމްޕޭނަށް ރަށުން ނުފޭބޭ ކަމުގެ ޝަކުވާ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ވަރަށް އެހެން ކަހަލަ ކަމެއް ދިމާވެދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ. ސަބަބަކީ އިންތިހާބުގެ ކަންކަމަށް ދިމާވާ އުނދަގޫތައް އެނގޭނީ އިންތިހާބު އިންތިޒާމުކޮށް އިންތިހާބު ތަޖުރިބާ ކުރާ ފަރާތްތަކަށް. ދެން ބައެއް ބޭފުޅުންނަށް، އާންމު ބަލަން ތިބޭ ބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގެންފާނެ މީ ވަރަށް ފަސޭހަ ކަމެކޭ. ހަގީގަތުގައި މިއީ ވަރަށް ބޮޑެތި ގާނޫނީ ކަންތައްތައް،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިހާރު ގައިޑްލައިންގައި އޮތް ގޮތުން ވޯޓުލުން ފެށިގެން ނިމެންދެން ވޯޓުލާ މަރުކަޒުގައި އޮބްޒާވަރުންނާއި މޮނީޓަރުން ބައިތިއްބަން ވެސް ދަތިތަކެއް އެބަހުރި ކަމަށާއި އިންތިހާބުގެ ސައްހަކަމާއި ޔަގީންކަމާމެދު އެއްވެސް ވަރަކަށް ޝައްކު އުފެދުމަކީ އީސީން އެންމެ ކަންބޮޑުވާ މައްސަލަ ކަމަށެވެ.
އެހެންކަމުން އީސީން ފާހަގަކޮށްފައިވާ ކަންބޮޑުވުންތއް ހައްލުކޮށްދީފި ނަމަ މިހާރު އޮތް ތާރީހުގައި ވެސް އިންތިހާބު ބޭއްވޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދައުރު އަދާކޮށްފަ މިއޮތީ ގާނޫނުގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފަ. މަޖިލީހުން ނިންމާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ޔަގީންކަން ދެވޭނެ ގޮތަކީ ސަރުކާރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވާ ކަމަށް ވަންޏާ އަދި މިކަންކަމުގައި ހުރި މައްސަލަތައް ދައުލަތުން ހައްލުކޮށްދެންޏާ، ޔަގީންކަމާއެކު އަޅުގަނޑުމެން ދަންނަވާނީ އިތުރު ކަމެއް މެދުވެރިނުވާކަމުގައި ވާނަމަ، 10 އޭޕްރީލްގައި އިންތިހާބު ބާއްވައިދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުން ފާސްކޮށްފައިވާ ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު ބުނާ ގޮތުން އެންމެ ލަސްވެގެންވެސް އަންނަ މެއި މަހު ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.