ރިސޯޓުތަކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމުގައި، ވޯޓުލާން ވަކި އަދަދަކަށް މީހުން ރަޖިސްޓާވާން ނުޖެހޭނެކަމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް އެޗްޕީއޭ އިން އެކުލަވާލި ގައިޑްލައިންގައިވާ ގޮތުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވޯޓުލުމަށް ކައިރި ރަށްރަށަށް ނުދެވޭނެ އެވެ.

އެހެންކަމުން ރިސޯޓު މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށް، މިފަހަރު ރިސޯޓުތަކުގައި "ބޭސް ލައިން" އެއް ކަނޑަނާޅަން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ރިސޯޓަކުން ވޯޓުލާ މަރުކަޒެއް ގާއިމުކުރަން ބޭނުންކަމަށް ވާނަމަ އެ ފުރުސަތު ހުޅުވާލަދެން. އެއީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ރިސޯޓުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެހެން ރަށްރަށަށް ގޮސް ވޯޓުލާނެ ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވެފައިވާތީ. އެހެންވީމަ އެ ރިސޯޓެއްގައި ރިސޯޓުން ބޭނުންވާ ހިނދެއްގައި ވިއްޔާ ކިތަންމެ މީހުން މަދުވިޔަސް އަޅުގަނޑުމެން ވޯޓު ފޮށްޓެއް ބަހައްޓައިދޭނެ ކަމަށް ވާނީ ދެންނެވިފައި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރިސޯޓުތަކުގައި ބަހައްޓަންޖެހޭނީ ކިހާ ވޯޓު ފޮށްޓެއްތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭނެ ކަމުގެ ޔަގީންކަން އެއްވެސް ގައުމަކުން އަދި ލިބިފައި ނުވާއިރު، މެލޭޝިޔާ އާއި އިނގެރޭސިވިލާތުގައި ވޯޓު ފޮށި ނުބެހެއްޓޭނެކަން ވަނީ ޔަގީންވެފަ އެވެ. ރީރެޖިސްޓްރޭޝަނަށް ހުޅުވާލާއިރު، އެ ފަރާތްތަކަށް އަލުން ރެޖިސްޓާކުރެވޭނެ އެވެ.