ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލީ 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، ވޯޓަކާ ނުލައި 120 ކެންޑިޑޭޓަކު އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ލޯކަލް ކައުންސިކް އިންތިހާބުގެ ހާއްސަ ގާނޫނުގެ ދަށުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ 23 ޖޫން 2020 ގަ އެވެ. ފުރުސަތު ބަންދުވީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލީ މީހުންގެ ތެރެއިން އެ މުއްދަތުގައި ޖުމްލަ 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުންނާއި، ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކުރުމާ ގުޅިގެން، އިންތިހާބަކާ ނުލާ ބައެއް ފަރާތްތަކަށް ގޮނޑި ވަނީ ކަށަވަރުވެފަ އެވެ.

އެގޮތުން ހަތް ދާއިރާއަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ 28 ފަރާތެއް މިހާރު ވަނީ އިންތިހާބުވެފަ އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ 10 މަގާމަކަށް 15 ކައުންސިލަރުން ވަނީ އިންތިހާބުވެފަ އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 24 ދާއިރާއަކުން އިންތިހާބުކުރަންޖެހޭ އަދަދަށް މީހުން ކުރިމަތިލާފައި ވާތީ، 62 މީހަކަށް މިހާރު ވަނީ ގޮނޑި ޔަގީންވެފަ އެވެ. އެގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ 12 މަގާމަކަށް 15 މީހަކު ވެސް އިންތިހާބުވެފަ އެވެ.

އެއާއެކު އިންތިހާބަކާ ނުލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެމްބަރުންނަށް ވަނީ ގޮނޑި ޔަގީންވެފަ އެވެ. އަދި ކައުންސިލްތަކުގެ އިންތިހާބުގެ 22 މަގާމަކަށް 30 މެމްބަރުން އިންތިހާބުވެ، ވޯޓަކާ ނުލައި 120 ކެންޑިޑޭޓަކު ވަނީ އިންތިހާބުވެފަ އެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.

އީސީން ބުނީ އަންހެނުންގެ ތައްރަގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ހަތް ދާއިރާއެއްގައި އަލުން އިންތިހާބު ބާއްވަން ޖެހޭ ދާއިރާތައް ބާއްވަންޖެހޭ ކަމަށެވެ. އެއީ އެ މަގާމުތަކަށް އިންތިހާބުކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ އެވެ.

މިފަހަރުގެ އިންތިހާބަށް 735 ވޯޓުލާ މަރުކަޒު ބިނާކުރަންޖެހޭނެ ކަމަށް އީސީން ވަނީ ލަފާކޮށްފަ އެވެ. އެއީ ރިސޯޓުތަކަށާއި، އެޗްޕީއޭގެ ގައިޑްލައިންއާ ގުޅިގެން މާލެއަށް އިތުރުވާ ފޮށިތަކާ ގުޅިގެންނެވެ. އިންތިހާބު ފަސްކުރި އިރު އިއުލާނުކޮށްފައި ވަނީ 532 ފޮށި ބަހައްޓަން ޖެހޭނެ ކަމަށެވެ.