ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ އެކިއެކި ހަރަކާތްތަކަށް މި އަހަރާއި އަންނަ އަހަރު 600 މިލިއަން ރުފިޔާ ހަރަދު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، 2011 ވަނަ އަހަރުގެ ކުޅިވަރުގެ ގައުމީ އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުންނަށް، ކުޅިވަރު ކުޅުމުގެ އެކިއެކި ފުރުސަތުތައް ހޯއްދަވައިދެއްވުމަކީ، ކޮންމެ ސަރުކާރެއްގެ ވެސް، ދައުލަތެއްގެ ވެސް، މުއައްސަސާއެއްގެވެސް އެންމެބޮޑު އަމާޒު ކަމަށާއި، ކުޅިވަރަށްދޭ އަހަންމިއްޔަތާއި، ކުޅިވަރަށް ކުރާ ހަރަދު އެއީ، އިސްރާފެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ކުޅިވަރަށް އެކަށީގެންވާ ހަރަދުތަކެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގައުމިއްޔަތުގެ ސިފަތައް ފާހަގަކުރުމަށް ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި ރާއްޖެ، ބަދަލުވަމުންދަނީ ރާއްޖޭގެ ގައުމިއްޔަތު ވެސް އަލުން އަނބުރާ ސިފަކުރުމަށް ކަމަށެވެ. އަދި ރާއްޖޭގެ ގައުމިއްޔަތު ސިފަކުރުމުގެ އެންމެބޮޑު ބާރެއް އަޅައިދޭ ހަރަކާތަކީ ކުޅިވަރު ކަމަށާއި އެއީ އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ވަރަށް ފުރިހަމަ ހަގީގަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

" ގައުމެއް ތަރައްގީވެ ދިޔުމަށްޓަކައި، އެ ގައުމެއްގެ ގައުމިއްޔަތުގެ ސިފަތައް ބިނާވެފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެ ގައުމިއްޔަތަށްޓަކައި ހިންގެން ހުރި އެންމެ މައުނަވީ އެއް މަސައްކަތަކީ، ޒުވާނުންގެ ހަރަކާތްތަކުން އުފެދިގެން އަންނަ ފޯރިގަދަ މުބާރާތްތައް،" ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި، ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި ރަންމެޑެލް ހޯދާފައިވާ ފަރާތްތަކަށް އެވޯޑު ދެއްވީ، ރައީސް ނަޝީދެވެ.