16 Feb 2021, 16:02
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ގާނޫނީ ވަކީލެއްގެ ގޮތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުވީ ވަކީލު އަހުމަދު ސިއްދީގު އެވެ. ފުލުހުން އިދާރާއިން ނުމުކެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިއްދީގު ވިދާޅުވީ އެ ދެ ޕާޓީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން ފުލުހުން އަންގާފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައި ޕީޕީއެމް/ޕީއެންސީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ދެފަރާތުގެ ދެމެދުގައި މަޝްވަރާކޮށްލަން ކަމަށް ސިއްދީގު ވިދާޅުވި އެވެ. އެހެންނަމަވެސް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ގާނޫނީ ހީލަތްތެރި މަޅިއެއްގައި ބައްދާލުމަށް ލިޔުމެއްގައި ސޮއިކުރަން އެންގި ކަމަށް ސިއްދީގު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ލިޔުމަކު ސޮއެއް ނުކުރަން. ހާޒިރުވާން އެންގީ މަޝްވަރާކުރަން. އެކަމަކު ހާޒިރުވީމަ މި އުޅުނީ ގާނޫނީ މަޅިއެއްގައި ބައްދާލަން." ސިއްދީގު ވިދާޅުވި އެވެ.
އެ ލިޔުމުގައި ސީދާ އޮތީ ކީކޭ ކަމެއް ސިއްދީގު ވިދާޅެއްނުވެ އެވެ.
ކޮވިޑް ކޭސްތައް ގިނަވެ 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން އެޗްޕީއޭއިން މަނާކޮށްފައި ވަނިކޮށް އެ އެންގުމާ ހިލާފަށް މާލޭގައި ޕީޕީއެމް/ޕީއެންސީ އިން މުޒާހަރާ ކުރަމުން ދާތީ އެ ދެ ޕާޓީގެ ބައެއް މެމްބަރުން އިއްޔެވެސް ފުލުހުން ހައްޔަރު ކުރި އެވެ. އިދިކޮޅުން މުޒާހަރާ ކުރަމުން އަންނަނީ ޕީޕީއެމްގެ ރައީސް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރަން ގޮވާލަ އެވެ.