އިރްބީލް (ފެބްރުއަރީ 16) : އިރާގުގެ އުތުރުގެ ކުރުދިސްތާން ސަރަހައްދުގެ މައި އެއާޕޯޓް ކަމަށްވާ އިރްބީލް އިންޓަނޭޝަނަލް އެއާޕޯޓަށް ރޮކެޓުން ދިން ޙަމަލާތަކެއްގައި އެކަކު މަރުވެ ހަ މީހަކު ޒަޚަމްވެއްޖެ އެވެ.

ކުރުދިސްތާން ސަރަހައްދުގެ އަމަނާބެހޭ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އިރްބީލް އެއާޕޯޓަށް ޙަމަލާދިނުމަށް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ވެހިކަލެއްވަނީ އެއާޕޯޓާ ކައިރި ހިސާބަކުން ފެނިފަ އެވެ. ނަމަވެސް ހަމަލާދިނީ ކޮންފަރާތަކުންކަން އަދި އެނގިފައެއް ނުވެ އެވެ. އިރްބީލް އެއާޕޯޓް ސަރަހައްދަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިރާގުގައި ތިބޭ އެމެރިކާއާއި ނޭޓޯގެ ސިފައިން ތިބޭ ސަރަހައްދުގެ ތެރެއިން އެއްސަރަހައްދެވެ. އިރްބީލް އެއާޕޯޓަށް ދިން ރޮކެޓް ޙަމަލާތަކުގައި ޒަޚަމްވި ހަ މީހުންގެ ތެރެއިން އެކަކީ އެމެރިކާ ސިފައިންގެ މީހެކެވެ.

އިރާގުގައި ފައިހަރުކޮށްލައިގެން ތިބޭ އެމެރިކާ ސިފައިން ތިބޭ ތަންތަނަށާއި މަރުކަޒުތަކަށް ހަމަލާތައް ދިނުން މިފަހަކަށް އައިސް އިތުރުވީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާއިން ޙަމަލާދީ އިރާގުގެ އަސްކަރީ ޖަމާއަތެއްކަމަށްވާ ޙަޝްދުއްޝަޢަބީގެ ކޮމާންޑަރު އަބޫ މަހްދީ އަލްމުހަންދިސް އާއި އީރާނުގެ އަސްކަރީ އިސް ޖެނެރަލެއް ކަމަށްވާ ގާސިމް ސުލައިމާނީ އަވާރަކޮށްލުމާ ގުޅިގެންނެވެ. އެމެރިކާއިން މިދެބޭފުޅުން އަވަހާރަކޮށްލީ ބަޣްދާދު އެއާޕޯޓްގެ ކައިރިން އެ ދެ ބޭފުޅުން ދަތުރުކުރި ކާރު ދަނިކޮށް ޑްރޯން އެއް ބޭނުންކޮށްގެން އެކާރަށް ޙަމަލާތަކެއް ދީގެންނެވެ.

އިރާގުން ވަނީ އެމައްސަލާގައި އެމެރިކާއަށް ވަރަށް ބޮޑަށް ނުރުހިފަ އެވެ. އެއީ އިރާގުގެ ޖަމާއަތެއްގެ ކޮމާންޑަރަކާއި އަވަށްޓެރި ގައުމެއްކަމަށްވާ އީރާންގެ މަސްއޫލުވެރިއަކު އަވަހާރަކޮށްލުމަށް އިރާގުގެ ހުއްދައަކާނުލައި އެމެރިކާ އިން އިރާގުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ސަބަބުންނެވެ.

އީރާނުން ވަނީ ގާސިމް ސުލައިމާނީގެ މަރަށް ބަދަލުހިފުމުގެ ގޮތުން އިރާގުގައިވާ އެމެރިކާގެ އަސްކަރީ ދެ ކޭންޕަކަށް އެދުވަސްވަރު ޙަމަލާދީ އެމެރިކާ ސިފައިންގެ އައްޑިހައަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފަ އެވެ. ޙަޝްދުއްޝަޢަބީން ވަނީ އެޖަމާއަތުގެ ކޮމާންޑަރުގެ މަރަށް ބަދަލުހިފުމުގެ ގޮތުން ބަޣްދާދުގައި ހުންނަ އެމެރިކާ އެންބަސީއަށް އެތަށް ފަހަރަކު ހަމަލާތައް ދީފަ އެވެ. އަދި އެކަމަށް ބަދަލުހިފުމުގެ އެޖަމާއަތުން ވަނީ އިރާގުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އެތައް ހަމަލާއެއް ދީފަ އެވެ.

މީގެ އިތުރުން ޙަޝްދުއްޝަޢަބީން ވަނީ އިރާގުން އެމެރިކާ ސިފައިން ފައްސާލެވެންދެން އިރާގުގައިވާ އެމެރިކާ ސިފައިންނަށް ހަމަލާތައް ދެމުން ގެންދާނެކަމުގެ އިންޒާރު ދީފަ އެވެ.

އެމެރިކާއިން ވަނީ އިރްބީލް އެއާޕޯޓަށް ރޮކެޓުން ދިން ޙަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެ ހަމަލާދިން ފަރާތެއް ހޯދުމުގެ ތަހްގީގްތަކުގައި އިރާގު ސަރުކާރަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ. ކުރުދިސްތާން ސަރަހައްދުގެ އަމަނާބެހޭ ފަރާތްތަކުން ޝައްކު ކުރާގޮތުގައި މިއީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިރާގުގެ ޙަޝްދުއްޝައަބީ ޖަމާއަތުން ދިން ޙަމަލާތަކެކެވެ. (ނޫސްއެޖެންސީތައް)