ބޯޕާލް (ފެބްރުއަރީ 16): އިންޑިއާގެ މަދުޔަ ޕްރަދޭޝްގައި ބަހެއް ކެނަލްއަކަށް ވެއްޓި، 39 މީހަކު މަރުވެއްޖެ އެވެ.

މަދުޔަ ޕްރަދޭޝްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ސިދީ ޑިސްޓްރިކްޓުން ދުއްވާފައި ދިޔަ ބަސް ޝަރުދާ ކެނަލް ކިޔާ ކެނަލަކަށް ވެއްޓުނު އިރު އޭގައި 60 ވަރަކަށް މީހުން ތިބި އެވެ. އަދި އެ ހާދިސާގައި ސަލާމަތްވީ ފަތާފައި މައްޗަށް ހަތް މީހެކެވެ. އޭގެ ތެރޭގައި ބަސް ދުއްވަން އިން މީހާ ވެސް ހިމެނެ އެވެ.

އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން އެ ހާދިސާގައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ވެސް މަރުވެފައިވެ އެވެ.

އެ ހާދިސާ ހިނގި ވަގުތު މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ބަސް ކެނަލަށް ވެއްޓުނީ ކޮންޓްރޯލުން ނެއްޓިގެންނެވެ. އަދި އޭރު ބަސް ދަތުރު ކުރަމުން ދިޔައީ ސިދީ ޑިސްޓްރިކްޓުން ސަޓްނާ ޑިސްޓްރިކްޓަށެވެ.

މަދުޔަ ޕްރަދޭޝްގެ ސަރުކާރުން ބުނި ގޮތުގައި އެ ބަހުގައި ދެން ތިބި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ ހާދިސާ ތަހުގީގު ކުރަން ވަނީ އަންގައިފަ އެވެ.

އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިންހު ޗޯހާން ވިދާޅުވި ގޮތުގައި ބަސް އެކްސިޑެންޓުގައި މަރުވި މީހުންގެ އާއިލާތަކަށް ފަސް ލައްކަ ރުޕީސް (6,875 ޑޮލަރު) ދޭނެ އެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް އެގައުމުގެ ނެޝަނަލް ރިލީފް ފަންޑުން ދެ ލައްކަ ރުޕީސް (2،750 ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.