16 Feb 2021, 13:52
ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޑރ. ޒާހިރު އެ މަގާމަށް އައްޔަންކުރަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 37 މެމްބަރުންގެ ވޯޓުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރާ އެކު 17 ފަރާތަކުން ކުރިމަތިލި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރުހުން ހޯދުމަށް ނޮމިނޭޓް ކުރީ ޑރ. މުހައްމަދު ޒާހިރުގެ ނަން އެކަންޏެވެ.
ކުރިން އިލެކްޝަންސް ކޮމިޝަންގައި މަސައްކަތްކޮށްފައިވާ ޑރ. މުހައްމަދު ޒާހިރަކީ، ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އޭނާ އަކީ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ ނޮވެމްބަރު މަހު 19 ގަ އެވެ.