ސަރުކާރުން އެކި ސަބަބުތަކާއި ހެދި ކުޑަކުދިން ބެލެހެއްޓުމަށްޓަކައި ވިލިމާލޭގައާއި ކ. މާފުއްޓާއި ފޭދޫ ފިނޮޅުގައި ސެންޓަރުތަކެއް ގާއިމް ކޮށް 120 އަށްވުރެ ގިނަ ކުދިން އެ ސެންޓަރުތަކުގެ ބަލަހައްޓަމުންދާއިރު އެ ސެންޓަރުތަކަށް ވަނީ ބޮޑެތިގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުން ނުވަ އަހަރަށްވުރެ ދަށުގެ ޔަތީމް ކުދިން ބެލެހެއްޓުމަށްޓަކައި ސަރުކާރުން ވިލިމާލޭގައި ގާއިމް ކޮށްފައިވާ ކުޑަކުދިންގެ ހިޔާގައިވެސް ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އެކަން މިނިސްޓަރު ޑރ. އާމިނަތު ޖަމީލު ވެސް ފާހަގަ ކުރައްވަ އެވެ.

ސަރުކާރުގެ ހިޔާވަހިކަމުގެ ދަށުގައި ތިބި ކުޑަކުދިންގެ މަރުކަޒުތަކަށް އަމާޒުކޮށްގެން އާކްއިން މިދިޔަ ހޯމަ ދުވަހު ބޭއްވި އެއްދުވަހުގެ ކޮންފަރެންސްގައި ޑރ. ޖަމީލް ވިދާޅުވީ ވިލިމާލޭ ކުޑަކުދިންގެ ހިޔަލުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ދިމާވެފައިވާ މައްސަލަތަކާއި މެދު ވިސްނަމުންދާ ކަމަށެވެ.

"އާއިލާގެ މާހައުލެއް އެކުދިންނަށް ދެވޭތޯ ބަލަން ޖެހޭ. އަދި ތަފާތު އުމުރުގެ ކުދިން އުޅުމަކީ އަޅުނގަޑުމެންނަށް ހުރި ވަރަށް ބޮޑު ޗެލެންޖެއް. އަދި އެކުދިންނާއި ހަވާލުވާނެ ފަރާތްތަކެއް ވެސް ހޯދަންޖެހޭ. އަޅުނގަޑުމެން ވަރަށް އެބަ ވިސްނަން. ވަރަށް ކަންބޮޑުވެސް ވަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔަލުގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތު ކޮށް ކިޔައިދިން ގޮތުގައި ހިޔާގެ ގިނަ މުވައްޒަފުންނަށް ވަޒީފާ އަދާކުރުމުގައި މައްސަލަތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ބޮޑު މައްސަލައަކީ އެކުދިންގެ އަހުލާގު ގޯސްވުމުގެ އިތުރުން މުވައްޒަފުންނަށް ވެސް ހަމަލާ ދިނުމެވެ. ކުދިންގެ އަހުލާގު ރަނގަޅު ކުރުމުގެ އެއްވެސް ކަމެއް ނެތުމުން ބިރުގަންނަ ހިސާބަށް ކަންކަން ދިއުމެވެ.

"އެކުދިން ގޯސްކަމެއް ކުރަންޔާ ނުވަތަ ކޮށްފިއްޔާވެސް ނޯވޭރަގަޅަކަށް 'ތިހެން ނަހަދާށޭ' ބުނުމުގެ ހައްގެއް ވެސް. ކުއްޖަކު ރުޅި އައިސްގެން އަހަރެމެންނަށް ކޮންމެ ކަމެއް ކުރިއަސް ނޯވޭ އަމިއްލަ ފުރާނަ ސަލާމަތްކުރުމަށް އެކުއްޖާ ގައިގައި އަތްލެވޭކަށް ވެސް. އަތް ލައިފިއްޔާ އަހަރެމެން ގެންދަނީ ޕޮލިހަށް. އަހަރެމެން ތިބެންޖެހެނީ ބިރުން،" އެ މުވައްޒަފު ބުންޏެވެ.

ހިޔަލުގައި ތިބޭ ކުދިންނަށް ބޭނުންވާ ޒަރޫރީ ހުރިހާ ބޭނުމެއް އެކުދިންނަށް ފުރިހަމަކޮށްދީ ގިނަ ކަންތައްތަކެއް އެހީދޭ ފަރާތްތަކުން ހިންގި ކަމުގައި ވިޔަސް އަހުލާގީ ފިލާވަޅުތައް ދަސްކޮށް ނުދެވި އޮތުމުން މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގިއަސް އޭގެ ފައިދާ ނުކުރާ ކަމަށް މުވައްޒަފުން ބުނެ އެވެ.

"އެކުދިން ބޭނުންވާ ހުރިހާ ކަމެއް އެތަނުންވޭ. ކާން ބޯން ލިބޭ. ކިޔަވައި ދެވޭ. އެހެން ކުދިންނާއި އަޅާބަލާއިރު އެކުދިންނަށް މާގިނަ އެއްޗެހި ލިބޭ. އެކަމަކު އެކުދިންގެ އަހުލާގު ވަރަށް ދަށް. ކުދިންގެ އަހުލާގު ރަނގަޅު ކުރަން މަސައްކަތެއް ނުކުރެވޭ. އަހަރެމެންނަކަށްވެސް ނުބުނެވޭނެ ރަނގަޅު ކުރާށޭވެސް." އޭނާ ކިޔައި ދިނެވެ.

ހިޔަލުގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެހެން މުވައްޒަފަކު ވެސް އެދުނީ ނަން ހާމަ ނުކުރުމަށެވެ. ސަބަބަކީ މައުލޫމާތެއް ހިއްސާ ނުކުރުމަށް އަންގާފައި އޮތުމެވެ. އޭނާ ބުނީ ހިޔަލުގައި މުވައްޒަފުންނަށް ކުރިމަތިލާން ޖެހިފައި އެއް މައްސަލައަކީ ގޯސް އާދަތައް ކަށީ ހިފާފައިވާ ތަފާތު އުމުރުގެ ކުދިން އުޅޭއިރު އެކުދިންގެ ފަރާތުން އެހެން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރިމަތި ލެވޭނެ ގޮތެއް ނެތުން ކަމަށެވެ. ކުރިމަތިލައިފިނަމަ އެހެން މައްސަލަތަކާއި ކުރިމަތިލާން ޖެހުން ކަމަށެވެ.

"މިހާރު މިތަނަށް ގެނޭ މަގުމައްޗަށް ގިނަވެ، އަޅާލާނެ މީހަކު ނެތިފަ ތިބޭ 14 އަހަރާ 17 އަހަރުގެ ބޮޑެތިކުދިން ވެސް. އެކުދިންގެ ސަބަބުން މިތަނުގައި ތިބޭ އެހެން ކުދިންނަށް ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރޭ. އެގޮތުން އެކުދިން ބަސް ނޭހުމާއި އަހަރުމެންނާއި ދިމާލަށް ނުބައިއެށްޗެހި ގޮވުން ވެސް އެހާ ބޮޑު." އޭނާ ބުންޏެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސެންޓަރުގެ މުވައްޒަފަކަށް ދާދި ފަހުން ވަނީ ވަރަށް ބޮޑަށް އަނިޔާވެސް ވެފަ އެވެ. އެއީ ރުޅި އައިސްގެން ތިން ކުއްޖަކު ކުރިމަތިލައި ހަމަނުޖެހުން ހިންގައިގެނެވެ. އެ ހާދިސާ ގައި އެ މުވައްޒަފު ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރި އެވެ. އެ މުވައްޒަފުގެ ބޮލާ ނޭފަތް ފަޅައިލި އިރު އޭނާގެ ބޮލުގެ އެއްފަޅިން އިސްތަށިގަނޑުގައި ހިފިހިފީނުން އިސްތަށިގަނޑުން އެއްބައި އުފުރާލި ކަމަށް ވެއެވެ.

ދެން އޮތީ މާފަށީގައި ހުންނަ އެޑިއުކޭޝަން ޓްރެއިނިން ސެންޓަ ފޯ ޗިލްޑްރަން (އީޓީސީސީ) އެވެ. އެތާނގެ ޕްރިންސިޕަލް މުހައްމަދު އަބްދުﷲ ވިދާޅުވި ގޮތުގައި އެ ސެންޓަރަށްވެސް ގިނަ ގޮންޖެހުންތަކެއް އެބައޮތެވެ. ޖާގައިގެ ދަތިކަމާއި ޓީޗަރުންނަށް ބޭނުންވާ ތަމްރީން ނުލިބުމާއެކު ކުދިންނަށް އެކަށީގެންވާ ތައުލީމް ލިބެމުން ނުދިއުމެވެ.

"އިމާރާތައްވެސް ގިނަ ބަދަލުތަކެއް ގެންނަންޖެހޭ. ޖާގައިގެ ގޮތުންނާއި އިންފްރާސްޓްރަކްޗަރަށް ވެސް. މިހާރު އެތާގެ (ސެންޓަރުގެ) ފާރެއް ވެސް ވަނީ ގިރުމުގެ ސަބަބުން ވެއްޓިފަ. އެތަނުން ވެލިގަނޑުވެސް އެބަދަމާ. އެތަން ވެއްޓިފަ ހުރީ މިދިޔަ އަހަރުގެ ކުރީކޮޅު ވެސް. އަނެއްކޮޅުން ކުދިން އުޅޭ ކޮޓަރިތައް ވެސް ހުރީ ބާވެފަ،" މުހައްމަދު ވިދާޅުވިއެވެ.

މާފުއްޓަށް ގެންދާ ކުދިންނަށް ލިބެންޖެހޭ ބައެއް ތައުލީމާއި ތަމްރީން ނުލިބުމުގެ މައްސަލަ ވެސް އޭނާ ފާހަގަ ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ވާން ދިމާވަނީ ސެންޓަރުގައި ތިބި މުވައްޒަފުންނަށް ތަމްރީން ލިބިފައި ނުވާތީ އެވެ.

"ކުރިން މި ސެންޓަރުގެ ކުދިންނަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާ. އެގޮތުން ވަޑާން ކުރުން، ދިޔަ ދޮވި ހެދުން، ވެލްޑިން ކުރުން ކަހަލަ ކަންތައްތައް ހިންގާ. އެކަމަކު މިއަހަރު އަދި މި ހިންގެނީ ވެލްޑިން ނާއި ފެހުމުގެ ޕްރޮގްރާމް ތަކެއް. މިހާރު ކުރެހުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގަމުންދޭ. ސެންޓަރުގައި ސްޓާފުން ވެސް އެބަތިބި. އެކަމަކު ސްޕެޝަލައިޒް ޓީޗަރުން ނެތުމުގެ ސަބަބުން އެކުދިންނަކަށް އެދެވޭ ތައުލީމެއް ނުދެވޭ. އަދި އެ ބޭފުޅުންނަށް އެހެން ސެންޓަރުތަކާއި އެކު ލިންކެއް ވެސް ނޯވޭ. ކުދިންގެ ގަވާއިދެއް ވެސް ހެދިފައެއް ނެތް. މީހުސް ގޮންޖެހުން" ޕްރިންސިޕަލް ވިދާޅުވި އެވެ.

އީޓީސީސީއަކީ ސަބަބުތަކާއި ހެދި އަހުލާގީ ގޮތުން ދަށް ކުދިން ބައިތިއްބުމަށް 1979 ވަނަ އަހަރު ގާއިމް ކުރި މަޝްހޫރު އިސްލާހިއްޔާ އެވެ. ނަމަވެސް 1993 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ސެންޓަރު ގޮސް އެކި ސަބަބުތަކާއި ހުރެ ސެންޓަރު ވަނީ އާއިލާއާ މުޖުތަމައުން ތައުލީމް ނުލިބި އަޅާލާނެ މީހަކު ނެތް ކުދިންނަށް ކިޔަވައިދޭ ތަނަކަށް ބަދަލުކޮށްފައެވެ. މިހާރު 36 ކުދިން ކިޔަވަމުންދާއިރު އެކުދިންގެ އުމުރު އުޅެނީ 10 އަހަރާއި 12 އަހަރާއި ދެމެދުގައެވެ. ކުދިން އިސްލާހު ކުރުމުގެ ކުރިން އިސްލާހު ކުރަން ޖެހިފައި ވަނީ މަރުކަޒެވެ.

އާކްގެ ކޯ ފައުންޑަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވި ގޮތުގައި ސެންޓަރު ތަކުގައި މައްސަލަތައް އެބަހުއްޓެވެ. ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އެފަދަ ވަރަށް ގިނަ ރިޕޯޓް ވެސް ވެސް މީހުން ވަނީ ހިއްސާ ކޮށްފަ އެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ސެންޓަރުތަކުން ގިނަ ކަންތައްތަކެއް އާކްއާ ޝެއާ ކުރަމުންދިޔަ. އެންމެ ގިނައިން ފާހަގަވާ މައްސަލަތަކަކީ އެ ސެންޓަރުތަކަށް ދިމާވާ ފަންނީ އަދި މާލީ ގޮންޖެހުންތައް،" ޒެނީޝާ ވިދާޅުވި އެވެ.