16 Feb 2021, 10:47
ދިއްލީ (ފެބްރުއަރީ 16): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހުއްދަ ދީފި އެވެ.
ޑަބްލިޔުއެޗްއޯއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ޖަމިއްޔާއިން ވަނީ ދެކުނު ކޮރެއާގެ އެސްކޭ ބަޔޯސައިންސް ކުންފުންޏާއި އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިން، ކުއްލި ހާލަތްތަކުގައި ބޭނުން ކުރަން ހުއްދަ ކުރާ ސިއްހީ އުފެއްދުންތަކުގެ ލިސްޓު (އީޔޫއެލް)ގައި މިހާރު ހިމަނާފަ އެވެ.
"ވެކްސިން ހަލުވިކަމާ އެކު އެކި ސަރަހައްދުތަކަށް ފޯރުކޮށްދޭނެ ގޮތްތައް މިހާރު އެބަހުރި. ނަމަވެސް [ވެކްސިން] އުފައްދާ މިންވަރު އެބަ އިތުރު ކުރަން ޖެހޭ. ވެކްސިން އުފައްދާ ފަރާތްތަކުން އެއާ ބެހޭ މައުލޫމާތު މުއްސަނދި ގައުމުތަކަށް ހުށަހަޅާ އިރު އަޅުގަނޑުމެންނަށް ވެސް ހުށަހަޅަން ގޮވާލަން،" ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔަސަސް ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯއިން އެ ހުއްދަ ދިނީ އެސްޓްރާޒެނެކާގެ ވެކްސިން ޖަހަން އެ ޖަމިއްޔާގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން އިން ލަފާ ދިން ފަހުންނެވެ. އެ އެޑްވައިޒަރީ ގުރޫޕުން ވަނީ ވެކްސިންގެ ދެ ޑޯޒްގެ ދޭތެރޭ އަށެކާއި 12 ހަފްތާއާ ދެމެދުގެ މުއްދަތެއް ދޫކުރުމަށް ފަހު، 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމަށް ލަފާ ދީފަ އެވެ. އަދި ކޮރޯނާވައިރަހުގެ އާ ވޭރިއެންޓް ފެތުރިފައިވާ ގައުމުތަކުގައިވެސް އެ ވެކްސިން ދިނުން ރަނގަޅު ކަމަށް އެ ގުރޫޕުގެ މާހިރުން ވިދާޅުވި އެވެ.
އޭގެ ކުރިން ދެކުނު އެފްރިކާގައި ހެދި ދިރާސާއެއްގެ ނަތީޖާއިން ދެއްކި ގޮތުގައި، އެގައުމުން ފުރަތަމަ ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއެންޓުގެ ސީރިއަސް ނޫން ކޭސްތަކުން އެސްޓްރާޒެނެކާގެ ވެކްސިން ރައްކާތެރިކޮށް ދެނީ ކުޑަކޮށެވެ. އެހެންކަމުން ދެކުނު އެފްރިކާއިން ވަނީ އެސްޓްރާޒެނެކާގެ ވެކްސިންގެ ބަދަލުގައި ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ދޭން ނިންމާފަ އެވެ.
ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި އެސްޓްރާޒެނެކާގެ ވެކްސިން ބޭނުން ކުރުމުގެ ރައްކާތެރިކަމާއި އޭގެ ކާމިޔާބީ އެ ޖަމިއްޔާގެ މިންގަނޑުތަކަށް ފެތެ އެވެ. އަދި އެސްޓްރާޒެނެކާއިން ވަނީ އެ ކުންފުނީގެ ވެކްސިންއިން އާ ވޭރިއެންޓުގެ ސީރިއަސް ކޭސްތައް ހުއްޓުވައިދޭ ކަމުގެ އިތުބާރު އޮތް ކަމަށް ބުނެފަ އެވެ.
ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ބޭނުން ކުރަން ހުއްދަ ދީފައި ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން ގުޅިގެން އުފެއްދި ކޮވިޑް ވެކްސިންއަށެވެ. އެ ވެކްސިން -70 ޑިގްރީ ސެލްސިއަސްގައި ރައްކާ ކުރަން ޖެހޭ އިރު އެސްޓްރާޒެނެކާގެ ވެކްސިން އާދައިގެ ފްރިޖުގެ ފިނިހޫނުމިނުގައި ބެހެއްޓެ އެވެ. އެހެންކަމުން އެސްޓްރާޒެނެކާގެ ވެކްސިން އަގުހެޔޮ ވެފައި އެއް ތަނުން އަނެއް ތަނެއް ގެންދިޔުމަށް ފަސޭހަ ވާނެ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި، ކޮވިޝީލްޑަށް ޑަބްލިޔުއެޗްއޯގެ ހުއްދަ ލިބުމުން، އެ ވެކްސިން ކޯވެކްސް ފެސިލިޓީއަށް ސަޕްލައި ކުރަން ދެން ފެށޭނެ އެވެ.
ޑަބްލިޔުއެޗްއޯ އާއި ވެކްސިން އެލަޔަންސްތައް ކަމަށްވާ ގަވީ އާއި ސެޕީއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސްކީމެކެވެ. އަދި އެ ސްކީމުގެ މަގުސަދަކީ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭ ވަރަށް، މި އަހަރު ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އޭގެ ތެރެއިން އެއް ބިލިއަން ޑޯޒް ދާނީ ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށެވެ.