ވޮޝިންޓަން (ފެބްރުއަރީ 16) : ކޮވިޑް-19 ގެ ވެކްސިން ދޭ ސްޕީޑް އަވަސް ނުކޮށްފިނަމަ ދުނިޔޭގެ އާބާދީގެ 75 އިންސައްތައަށް އެ ވެކްސިން ދިނުމަށް 7 އަހަރުގެ މުއްދަތެއް ނަގާނެކަމަށް ގައިން ގަޔަށް އަރާ ބަލިތަކާބެހޭ އެމެރިކާގެ ތަޖްރިބާކާރު ޑރ. އެންޓޮނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ޑރ. ފައުޗީ އާ ހަވާލާދީ އެމެރިކާގެ ނޫސްއެޖެންސީ އެއްކަމަށްވާ ބްލޫމްބާގް ބުނިގޮތުގައި ދުނިޔޭގެ އާބާދީގެ މަދުވެގެން 75 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ނުދީ ކޮވިޑް-19 ގެ ވައިރަސް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. މިހާރު ވެކްސިން އުފައްދާ މިްނަވަރާއި ވެކްސިން ދޭ ސްޕީޑަށް ބަލާއިރު ދުނިޔޭގެ އާބާދީގެ މަދުވެގެން 75 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް ގާތްގަނޑަކަށް 7 އަހަރު ނަގާނެކަމަށާ އެހެންކަމުން ވެކްސިން އުފައްދާ މިންވަރާއި ވެކްސިން ދޭ ސްޕީޑް އަވަސް ކުރަންޖެހޭ ކަމަށް ފައުޗީ ވިދާޅުވިއެވެ.

ގައިން ގަޔަށް އަރާ ބަލިތަކާބެހޭ އެނޫން ތަޖްރިބާކާރުންވެސް ވިދާޅުވާގޮތުގައި ކޮވިޑް-19 ގެ ވައިރަސް ކޮންޓްރޯލް ކުރެވޭނީ ދުނިޔޭގެ އާބާދީގެ މަދުވެގެން 75 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ދީގެންނެވެ. އަދި ކޮވިޑް އާ ދެކޮޅަށް އަޅަމުންގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލެވޭނީ ދުނިޔޭގެ އާބާދީގެ މަދުވެގެން 85 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ދެވިގެންނެވެ. އަދި ކޮވިޑް-19 ގެ ވައިރަސްގެ ނުރައްކާނެތް ހާލަތަށް (ކޮވިޑްގެ ފެނުމުގެ ކުރިން އޮތް ހާލަތަށް) ދުނިޔެ ގެންދެވޭނީ ދުނިޔޭގެ އާބާދީގެ މަދުވެގެން 95 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ދެވިގެންކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.

ދުނޔޭގައި ކޮވިޑް-19 ގެ ވަބާ އެންމެ ބޮޑަށް އަށަގެންފައިވާ އެމެރިކާއިންވަނީ އެގައުމުގެ 330 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 75 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ދީ ނިމޭނީ 2022 ވަނައަހަރުގެ ފަހުކޮޅުގައި ކަމަށް ލަފާކޮށްފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް މިހާރު ބޭނުންކުރަން ފަށާފައިވާ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާގެ "ސްޕަޓްނިކް V" ވެކްސިން ، އެމެރިކާއާއި ޖަރުމަނުގެ "ފައިޒާ ބިއޮންޓިކް" ވެކްސިން ، އިނގިރޭސިވިލާތާއި ސްވިޑްންގެ "އަސްޓްރާ ޒެނިކާ" ވެކްސިން، ޗައިނާގެ "ސިނޮފާމް" ވެކްސިން ، އެމެރިކާގެ "މޮޑާނާ" ވެކްސިން ، އެމެރިކާގެ "ނޮވަވެކްސް" ވެކްސިން ، އެމެރިކާގެ "ޖޯންސަން އެންޑް ޖޯންސަން" ވެކްސިން ، އަދި ޗައިނާގެ "ކޮރޯނާވެކް" ވެކްސިން އެވެ.

ނަމަވެސް އިތުރު 5 ގައުމަކުން ކުރިޔަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ތަޖްރިބާގެ މަރުހަލާތައް ނިންމުމަށްފަހު ކޮވިޑް ވެކްސިންގެ އައު ވައްތަރުތަކެއް ބާޒާރަށް ނެރޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. (ބްލޫމްބާގް)