16 Feb 2021, 10:50
ވޮޝިންޓަން (ފެބްރުއަރީ 16) : ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކޮވިޑް-19 ގެ ވެކްސިން ދިނުން މަނާކުރުމަށް އިސްރާއީލު ހިންގާ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ އިދާރާތަކަށް ހުށަހަޅާފައިވާނެކަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެފިއެވެ.
ފަލަސްޠީނުގެ ސިއްހަތާބެހޭ ވަޒީރު ޑރ. މައްޔި އަލްކައިލާ ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން ސަރަހައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް އެތެރެކުރުމަށް ތަކުރާރުކޮށް އިސްރާއީލު ހުރަސްއަޅަމުން ގެންދާތީ މިމައްސަލަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ސަމާލުކަމަށް ގެނަސްފައިވާނެ ކަމުގައެވެ.
ބޭރުފުށަށް ޑިމޮކްރަސީގެ ދަޅަ ދައްކައިގެން އުޅޭ އިސްރާއީލަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އިސްތިއްމާރީ ބާރުގެ ގޮތުގައި ސިފަކުރެވޭ ލާއިންސާނީ އަދި އަނިޔާވެރި އެންޓިޓީއެކެވެ. ޣައްޒާއަކީ ހުޅަނގުގެ އިސްތިއްމާރީ ބާރުތަކުގެ އެހީގައި އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަތުމަށްފަހު ލާއިންސާނީ ގޮތެއްގައި ހިސާރުކޮށް ބޮޑު ޖަލަކަށް ހަދާފައިވާ ސަރަހައްދެކެވެ.
ރާމަﷲ ގައި މަރުކަޒު ހުންނަ ފަލަސްތީނުގެ ސަރުކާރުން ބުނީ ޣައްޒާއަށް ފޮނުވީ ރަޝިޔާގައި އުފައްދާ ސްޕަޓްނިކް-V ގެ 2000 ޑޯޒް ކަމަށާ ނަމަވެސް އިސްރާއީލުންވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް އެ ވެކްސިން ވެއްދުމަށް ހުރަސް އަޅައި އެ ވެކްސިން ޣައްޒާއަށް ވެއްދުން މުޅިން މަނާވެސް ކޮށްފައެވެ. މި 2000 ޑޯޒަކީ ޣައްޒާގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްސަ މަރުކަޒުތަކާއި ހާލުބޮޑުމީހުން ވެންޓިލޭޓަރުތަކަށް ލައިގެން ފަރުވާދޭ އައިސީޔޫ ތަކުގައި މަސައްކަތްކުރާ ފަލަސްތީނުގެ ޑޮކްޓަރުންނާއި ނަރުހުންގެ ގަޔަށް ޖެހުމަށް ފޮނުވިވެކްސިން ކަމަށްވެސް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

ޣައްޒާގެ ރަައްޔިތުން
އިސްރާއީލުން ގެންދަނީ އެގައުމުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުން (ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރުމުގެ ސަބަބުން ޖަލަލަށްލާފައިވާ) ނަށްވެސް ކޮވިޑް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންނެވެ. ފަލަސްތީނުގެ އާބާދީ އިތުރުވުމަކީ އިސްރާއީލަށް ތާއަބަދު ފަލަސްތީނަށް ވެރިވެގަނެގެން ނޯވެވޭނެ މައިގަނޑު ސަބަބު ކަމަށް އިސްރާއީލު ދެކޭތީ ޖެހުނު ކޮންމެ ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މެރުމަކީ އިސްރާއީލުގެ ފޮރުވިފައިވާ ނާޒީ ސްޓައިލްގެ އެޖެންޑާއެއްކަމާއި އެކަންދަނީ ވަރަށް ހީލަތްތެރި ގޮތެއްގައި އިސްރާއީލުން ތަންފީޒު ކުރަމުން ކަމަށް ސިއްރު ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގެ އެއްލައްކަ ނުވަދިހަ ހާސް މީހުންނަށް ކޮވިޑް-19 ޖެހުނުކަމަށް ރިޕޯޓްކޮށްފައިވާއިރު އޭގެތެރެއިން ފަންސާސް ތިން ހާސްމީހުންނަކީ ޣާއްޒާއިން އެރޯގާ ޖެހުނު މީހުންނެވެ. އެނޫން މީހުންނަށް އެރޯގާ ޖެހިފައިވަނީ ހުޅަނގު އައްސޭރީގައެވެ. ކޮވިޑް ގައި ފަލަސްތީނުން ދެހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭން ފައްސަތޭކަ ތިރީސް ހަތްމީހުންނަކީ ޣައްޒާއިން މަރުވި މީހުންނެވެ.
އިސްރާއީލުގައި ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒުތައް ގިނަ އަދަދަކަށް ރައްކާކޮށްފައިވާއިރު އެވެކްސިނުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުން މަހްރޫމު ކުރުމަށް ކުރެވެންއޮތްހާ ކަމެއް އިސްރާއީލު ގެންދަނީ ކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަކީ އިސްރާއީލުގެ އިސްތިއްމާރާއި އަޅުވެތިކަމުގައި އަމިއްލަ މިނިވަންކަން ގެއްލިފައިތިބި ރައްޔިތެއް ކަމުން ފަލަސްތީނު ރައްޔިތުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަކީ ބައިނަލްއަގްޥާމީ ގާނޫނުގައި އިސްތިއްމާރީ ބާރެއްގެ ހައިސިއްޔަތުން އިސްރާއީލުގެ ޒިންމާއެކެވެ. ނަމަވެސް އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލާ ޔޫރަޕް ގެ އިއްތިޙާދާއި އެމެރިކާއަކީވެސް އިސްރާއީލު ހިންގާ މިފަދަ ޖަރީމާތަކަށް ބީރުކަންފަތެއް ދޭ ގައުމުތަކެކެވެ. އިސްރާއީލު ގެންދަނީ ދޭތެރެއަކުން ޣައްޒާއަށް ވައިގެ ހަމަލާތައް ދީ މީހުން މަރަމުންނެވެ.