15 Feb 2021, 23:34
އެއްލައްކަ ޑޯޒުގެ ވެކްސިން ހުސްވަންދެން ފުރަތަމަ ޑޯޒު ދެމުންގެންދާނެ ކަމަށް އެޗްއީއޯސީއިން ބުނެފި އެވެ.
އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން އޮޕަރޭޝަންސްގެ ފަރާތުން މުހައްމަދު ހަމްޒަތު ވިދާޅުވީ ވެކްސިން ދޭން ކުރިން ރޭވި ގޮތަށް ބަދަލު ގެނެސް، މިހާރު ލިބިފައިހުރި ޑޯޒުތައް ހުސްވަންދެން ފުރަތަމަ ޑޯޒު ދެމުންގެންދާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް އިތުރު ވެކްސިން ލިބޭނެކަމަށް ޔަގީން ކުރެވިފައި އޮތީމަ، މި ގަސްތުކުރަނީ ފުރަތަމަ ލިބިފައިވާ އެއްލައްކަ ޑޯޒު، ފުރަތަމަ ބުރުގައި ދޭން. ވެކްސިން ދޭނެ އިތުރު ގިންތިތަކެއް ކަނޑައެޅީވެސް އެއްލައްކަ ޑޯޒާ އެކީގައި. އެއީ އިތުރު 50،000 ޑޯޒު އިތުރުކޮށްގެން ޖުމުލަ އެއްލައްކަ ޑޯޒުގެ ވެކްސިން ފުރަތަމަ ބުރުގައި ދޭ ގޮތަށް މިހާރު ހަމަޖެހިފައިވަނީ،" ހަމްޒަތު ވިދާޅުވި އެވެ.
ވެކްސިން ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ވެކްސިން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހަމްޒަތު ވިދާޅުވި އެވެ.
"މި މަސް ތެރޭގައި އިތުރު ޑޯޒުތައް ލިބޭނެ. އޭގެ ޖުމުލަ އަދަދުތަކެއް ނެތް ފާހަގަ ކުރެވިފައި. ސީދާ މިވަރޭ ލިބޭނީ ދަންނަވަން ދަތި. އެހެން ނަމަވެސް މި މަހުގެ ތެރޭގައި އިތުރު ޑޯޒުތައް ލިބޭނެ،" ހަމްޒަތު ވިދާޅުވި އެވެ.
މި މަސް ނިމުމުގެ ކުރިން ކޮވިޑު ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެ ގެނެވޭނެކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް އޮފީހުން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.
މިއަދާ ހަމައަށް ރާއްޖެއިން ޖުމުލަ 43،817 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 35،289 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 8،429 މީހުންގެ އިތުރުން ރިސޯޓުތަކުން ވެކްސިން ޖެހި 99 މީހުންނެވެ.