ދުވާލަކު 7 ގަޑިއިރަށް ވުރެ ގިނައިން މަސައްކަތްކުރާ މީހުންނަށް ޑިޕްރެޝަން އާއި އެނޫން ވެސް ސިއްޙީ މައްސަލަތައް ކުރިމަތިވާކަން ދިރާސާއަކުން ހާމަވެއްޖެވެ.

އިނގިރޭސިވިލާތުގައި ދާދިފަހުން ކޮށްފައިވާ ދިރާސާއަކުން ހާމަވާގޮތުގައި ދުވާލަކު ހަތް ގަޑިއިރު ނުވަތަ އަށް ގަޑިއިރަށް ވުރެ ގިނައިން މަސައްކަތްކުރާތާ ދިގުމުއްދަތެއް ވުމަކީ ޑިޕްރެޝަން އާއި އެނޫންވެސް ސިއްޙީ މައްސަލަތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ.

މިގޮތުން ދުވާލަކު 11 ގަޑީއިރު މަސައްކަތްކުރާ މީހުންނަށް ޑިޕްރެޝަން އާއި އެނޫން ބަލިތައް ޖެހޭ މިންވަރު ދުވާލަކު ހަތް ގަޑީއިރު ނުވަތަ އަށް ގަޑިއިރު މަސައްކަތްކުރާ މީހުންނަށް ވުރެ ދެގުނަ އަދި ބައެއް ޙާލަތްތަކުގައި ތިން ގުނަ އިތުރުކަން މިދިރާސާއިން ހާމަވެ އެވެ.

މަސައްކަތުގެ ބުރަކަމުން ޖެހޭ ބަލިތަކުގައި އެހެން ކަންތައްތައް ވެސް މުހިއްމު ދައުރެއް އަދާކުރެ އެވެ. މީގެތެރޭގައި ބަނގުރާ ބުއިމާއި ކަސްރަތު ނުކުރުމާއި ދުންފަތުގެ އިސްތިޢްމާލު ކުރުމާއި ސިއްޙީ ކާނާ ނުކެއުން ފަދަ ކަންކަން ހިމެނޭ ކަމަށް މިދިރާސާކުރި "ޔުނިވަރސިޓީ ކޮލެޖް އޮފް ލަންޑަން" ބުނެ އެވެ.

މިދިރާސާ ބުނާ ގޮތުން މަސައްކަތުގެ މާޙައުލުގައި އުޅުމަށް ފަހު ދެންއޮންނަ ބާކީވަގުތު ހިތްހަމަޖެހުމާއި އުފަލުގައި ހޭދަކުރުމަކީ ޑިޕްރެޝަން ދުރުކޮށްދޭނެ ކަމެކެވެ. އަދި ދުވާލަކު 10 ގަޑިއިރަށް ވުރެ ގިނައިން މަސައްކަތްކުރުމަކީ އުމުރު މައްޗަށްދާ ވަރަކަށް ދުރުހެލިވާން ޖެހޭ ކަމެއްކަމަށް ވެސް މިދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި ރީސާޗަރުން ނަސީހަތްތެރިވެ އެވެ. (ޖޯނަލް އޮފް ޕަބްލިކް ސައެންސް)