ރާއްޖެއިން ކޮވިޑް19ގެ ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު 40،000 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭގެ ނަންބަރުތަކުން ދައްކާ ގޮތުގައި މިއަދާ ހަމައަށް ރާއްޖެއިން ޖުމުލަ 43،817 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

އޭގެ ތެރެއިން 35،289 މީހުންނަކީ ގްރޭޓާ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 8،429 މީހުންނެވެ. އަދި ރިސޯޓުތަކުން 99 މީހަކު ވެކްސިން ޖަހާފައިވެ އެވެ.

މިއަދުގެ ނަންބަރުތަކަށް ބަލާއިރު، މިއަދު ވެކްސިން ދީފައިވަނީ 5،204 މީހުންނަށެވެ. އެއީ މާލެއިން 3،967 މީހުންނާއި އަތޮޅުތަކުން 1،237 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

މިދިޔަ ބުދަ ދުވަހު އިތުރު 5000 ޑޯޒް ގެނެސްފައި ވާއިރު، މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.