މިއަދު ރާއްޖެއިން 125 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 104 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ހަ މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 14 މީހުން އަދި އިންޑަސްޓްރިއަލް ރަަށްރަށުން ޕޮޒިޓިވްވި މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ، 17،953 އެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 112 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 15،560 އެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،328 އެވެ. އަދި 190 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާދެމުންދާ މީހުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ، 58 އެވެ.