15 Feb 2021, 21:37
ފުވައްމުލަކު ސިޓީއިން އިތުރު ފަސް މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލު އާމިނަތު އަހުމަދު ވިދާޅުވީ މިރޭ އެ ސިޓީއިން ޕޮޒިޓިވްވި ފަސް މީހުންނާއެކު އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 30އަށް އަރާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ފަސް މީހުން ވެސް ޕޮޒިޓިވްވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި ސާމްޕަލްތަކުން ކަމަށެވެ.
އެގޮތުން މިހާތަނަށް 3976 ސާމްޕަލް ފުވައްމުލަކުން ނަގާފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ނެގީ 760 ސާމްޕަލް އެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 45 މީހުންނަކީ ހައި ރިސްކު މީހުންނެވެ. އަދި ކޮވިޑު19ގެ އަލާމާތްތައް ހުރި 12 މީހެއްގެ ސާމްޕަލްވެސް ނަގާފައިވެ އެވެ.
ފުވައްމުލަކުން ކޮވިޑްގެ ކޭސްތަކެއް ފެންނަން ފެށުމާއެކު ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ފުވައްމުލައް ސިޓީގައި ބަލިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.
އެގޮތުން އެއްގަމު އުޅަނދު ދުއްވުމާއި ބޭރަށް ނިކުމެ އުޅުން ވަކި ވަގުތަކަށް މަނާކުރުމުގެ އިތުުރުން އެ ސިޓީގައި ހަފްލާތަކާއި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމުގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށާއި މަގުމައްޗަށް އެއްވެ އުޅުން ހުއްޓައިލަން ވަނީ އަންގައިފަ އެވެ.
އެ ސިޓީގެ ސެލޫންތަކާއި، ޖިމް، ބޯކޮށާ ތަންތަން ބަންދުކުރުމުގެ އިތުރުން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލަން ވަނީ ނިންމައިފަ އެވެ.
ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައަޅައިގެން ހިދުމަތް ދޭން ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލަންވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.