ޖިންސީ ގޯނާގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރު ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު "ސަން"އަށް ވިދާޅުވީ ޕާސްޕޯޓު ދޫކުރަން އަމުރު ކުރެއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެކަމުގައި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް އޮތްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ޖޭއެސްސީއިން ކަމަށް ޝަފީއު ވިދާޅުވި އެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވެސް ވަނީ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް މިއަދު އެ ކޮމިޝަނަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައި ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ކުރިން އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް، މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން މި މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސްފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.

އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.