ނިއުދިއްލީ، (ފެބްރުއަރީ 1) : ދެކުނު އޭޝިޔާއާއި ދެކުނު އިރުމަތީ އޭޝިޔާގެ 14 ޤައުމެއްގެ ކަނޑުގެ ސިފައިންނާ ގުޅިގެން އިންޑިޔާގެ ކަނޑުގެ ސިފައިން ބާއްވާ ޢަސްކަރީ ތަމްރީންތަކެއް މިއަދު ފެށޭނެ އެވެ.

މިޤައުމުތަކުގެ ތެރޭގައި އިންޑިޔާގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، އިންޑޮނީޝިޔާ، ތައިލެންޑް، ބުރުނާއި، މެލޭޝިޔާ، މިޔަންމާ، ސިންގަޕޫރު، މޮރިޝަޝް އަދި ޝީސެލްސް ހިމެނެ އެވެ. ފަސް ދުވަހުގެ މުއްދަތަށް ބާއްވާ މިތަމްރީންތަކުގައި މި ޤައުމުތަކުން ޢަސްކަރީ މަނަވަރުތަކާއި ހެލިކޮޕްޓަރުތަކުގެ އިތުރުން އެހެނިހެން ބަރުހަތިޔާރުގެ ތަމްރީންތައް ވެސް ހަދަމުންގެންދާނެ ކަމަށް އިންޑިޔާގެ ކަނޑުގެ ސިފައިންގެ މަސްއޫލުވެރިން ބުނެ އެވެ.

ދެކުނު އޭޝިޔާގެ ޤައުމެއް ކަމަށްވާ ދިވެހިރާއްޖެ އިން ބައިވެރިވާނީ މި ތަމްރީންތަކާގުޅިފައިވާ "މެރިޓައިމް ކެޕަސިޓީ ބިލްޑިންގ ތްރޫ މިޗުއަލް ކޯރޕަރޭޝަން" ސެމިނާގައި ޚަބަރު ލިބެ އެވެ.

މިތަމްރީންތަކުގެ ބޭނުމަކީ ބިންހެލުންތަކާއި ސުނާމީ ކާރިޘާތަކާއި ކަނޑުފޭރުން ފަދަ މައްސަލަތަކާ ކުރިމަތިލުމަށް ބޭނުންވާ އޮޕަރޭޝަން ޕްރިސީޖަތައް އެކުލަވާލައިއެއާއެއްގޮތަށް ކަނޑުގެ ދިފާޢީ ޤާބިލިއްޔަތު އިތުރުކުރުމަށް މަސައްކަތްކުރުން ކަމަށް އިންޑިޔާގެ ކަނޑުގެ ސިފައިންގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

މިތަމްރީންތައް މައިގަނޑު ގޮތެއްގައި ކުރިޔަށްދާނީ ދެނުކު އޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާ ގުޅޭ ކަނޑުގެ ސަރަޙައްދުގަ އެވެ. މީގެތެރޭގައި އަންޑަމަން އެންޑް ނިކަބަ ޖަޒީރާތަކުގެ ވަށައިގެންވާ ސަރަޙައްދާއި ބޭ އޮފް ބެންގާލް ސަރަޙައްދު ވެސް ހިމެނޭ ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)