15 Feb 2021, 17:01
ނޭޕިޑޯ (ފެބްރުއަރީ 15): މިޔަންމާގައި މުޒާހަރާ ކުރާ މީހުން އަސްކަރިއްޔާގެ މަސައްކަތަށް ހުރަސް އަޅާ ނަމަ ގިނަވެގެން 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވޭ އިސްލާހެއް އެގައުމުގެ ޕީނަލް ކޯޑުގައި ހިމަނައިފި އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން އިއްޔެ އިއުލާން ކުރި އިސްލާހުގައި ވަނީ ސަރުކާރު ނުވަތަ ސިފައިންނާ މެދު ނަފްރަތު އުފައްދާ ނުވަތަ ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރާ ސަލާމަތީ ބާރުތަކުގެ ޒިންމާއަށް ހުރަސް އަޅާ މީހުން 20 އަހަރަށް ޖަލަށް ލެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ މުވައްޒަފުންނާ ބެހޭ ސައްހަ ނޫން މައުލޫމާތާއި ބިރުވެރިކަން އުފެދޭ ފަދަ ވާހަކަތައް ފަތުރާ މީހުން ތިން އަހަރަށް ޖަލަށް ލެވޭނެ ކަމަށެވެ.
މިޔަންމާގެ އަސްކަރިއްޔާއިން އެ އިއުލާން ކުރީ، އެގައުމުގައި އަމިއްލަ ތަންތަން ފާސް ކުރުމަށާއި 24 ގަޑި އިރަށް ވުރެ ދިގު މުއްދަތަކަށް މީހުން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ބޭނުންވާ ކަމަށް ބުނާ ގާނޫނުތައް މިދިޔަ ހޮނިހިރު ދުވަހު ސަސްޕެންޑު ކުރުމަށް ފަހު އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން މި މަހުގެ އެކެއްގައި ބަޣާވާތްކޮށް، ވެރިކަމާ ހަވާލުވި އިރު ސިފައިން ވަނީ އެގައުމުގެ އޭރުގެ ލީޑަރު އަންގް ސަން ސޫޗީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ގަވާއިދާ ހިލާފަށް ވޯކީޓޯކީތަކެއް އެތެރެކޮށް، ބޭނުން ކުރުމުގެ ދައުވާކޮށްފަ އެވެ.
އެ މައްސަލައިގައި ސޫޗީގެ މައްޗަށް ފުރަތަމަ މުއްދަތު ޖެހުމަށް ފަހު މިއަދު ދޫކޮށްލަން ހަމަޖެހިފައި އޮތް ނަމަވެސް އޭނާ އިތުރު ދެ ދުވަހަށް ހައްޔަރުކޮށްފައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ސޫޗީގެ ވަކީލު ވިދާޅުވި އެވެ. އަދި ބުދަ ދުވަހު ވީޑިއޯ މެދުވެރިކޮށް ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަަމަށް ބުނެ އެވެ. އަދި އަސްކަރިއްޔާއިން ވަނީ ސޫޗީގެ ޕާޓީން ޕާލިމެންޓުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރި އެ އިންތިހާބު އުވާލާ، އާ ވޯޓެއް ނަގާނެ ކަމަށް ބުނެފަ އެވެ.
އޭގެ ސަބަބުން މިމަހުގެ ހަޔެކުން ފެށިގެން މިޔަންމާގައި އެތައް ހާސް މީހުން ދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސިފައިން ވަނީ ބައެއް ސަރަހައްދުތަކުގައި އަސްކަރީ ގާނޫނު ހިންގާ، ރޭގަނޑަށް ކާފިއު އިއުލާންކޮށްފަ އެވެ.