"ނާޗަރަންގީ ޖަގަހަ" ނުވަތަ ހާސްކަމެއް ނެތި ޒުވާނުންނަށް މިއުޒިކާއެކު މަޖާކޮށްލެވޭނެ މަރުކަޒު ގައިމްކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެ ގަރާރު ބަލައިގަނެ، ދިރާސާކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ 34 މެމްބަރުންގެ ވޯޓުންނެވެ. ވަކި ކޮޅަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ. އެއީ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާ އެވެ.

އެ ގާރަރަކީ، މަޖިލީހުގެ މިދިޔަ ދައުރުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ. އެ ގަރާރުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ވަނީ ނިންމާލާފަ އެވެ.

އިބްތިދާއީ ބަހުސްގައި ގިނަ މެމްބަރުން ވަނީ އެ ގާރާރަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ.

ގަރާރުގެ ތައާރަފްގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދަމުންދާއިރު އެ ގަރާރުގެ ބޭނުމަކީ އެފަދަ މަރުކަޒެއް ގާއިމް ކުރުމަކީ ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފުގެ ގާރާރުގައި ބުނީ، މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެ މައްސަލަތަކުން އަރައިގަތުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތައް ނެތްކަން އޭނާ ފާހަގަ ކުރެއް ވިއެވެ. ސަރުކާރުން އެކަންކަމަށް ހައްލު ހޯދަމުންދާއިރުވެސް، ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާކަން ގަރާރުގައި ބުނެފައިވެ އެވެ.

"ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިވަނީ އިންތިހަށް ބޭނުންވެފަ އެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން [މިވަނީ] އިތުރުވެފައި،" އެމްޑިޕީގެ ފުރަތަމަ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބޭހޭ ވަޒީރު ހަސަން ލަތީފުގެ ގަރާރުގައި ބުނެފައިވެ އެވެ.