ހުޅުމާލޭ ބަސް ސާވިސް ޔުނިޓްގައި ބަސްކޮންޑަކްޓަރުންގެ ވަޒީފާއިން ވަކިކުރި އެމްޓީސީސީގެ ފަސްމުވައްޒަފުންގެ ވަޒީފާ އަލުންދިނުމަށް އެމްޓީސީސީގެ މައްޗަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ކުރި އަމުރަކީ ސައްޚަ އަމުރެއް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ހައިކޯޓުން މިގޮތަށް ހުކުމް ކުރީ ހުޅުމާލޭ ބަސްސާވިސް ޔުނިޓުގެ ވަޒީފާއިން ވަކިކުރި ފަސް މީހުންނަށް ވަޒީފާ އަލުން ދިނުމަށް އެމްޓީސީސީގެ މައްޗަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް އެމްޓީސީސީގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމަށްފަހު މިދިޔަ ހޯމަ ދުވަހު އެވެ. ހައިކޯޓް މި ފަސް މީހުންގެ މައްސަލަ ނިންމާފައި ވަނީ ފަސް ގަޒިއްޔާއަކުން ވަކިވަކިންނެވެ.

ހުޅުމާލޭ ބަސްސާވިސް ޔުނިޓުގައި ބަސް ކޮންޑަކްޓަރުންގެ ވަޒީފާ އަދާކުރަމުން ދަނިކޮށް އެމްޓީސީސީން ވަކިކުރި ފަސްމީހުންނަކީ ހދ. ނާވައިދޫ، ޖަވާ، މުހައްމަދު ސަމީރުއާ، ށ. މަރޮށި، ލުނބޯގަސްދޮށުގޭ، އިބްރާހިމް ރިޔާޒުއާ، ތ. ވިލުފުށީ، އޯކިޑުމާގޭ، އަހުމަދު މުހައްމަދު އާއި ރ. ކަނދޮޅުދޫ، ތުނިޔަ، އަހުމަދު ހަސަން އަދި ގއ. ވިލިނގިލީ ބޮންތި، ޝަހުރާބު ރަޝީދު އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނަނީ އެ ފަސްމީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނާއި ޚިލާފަށް ކަމަށްވާތީ، އެމީހުންނަށް އަލުން ވަޒީފާ ދިނުމަށް މާޗް، 15 ،2011 ގައި ވަޒީފާއާއި ބެހޭ ޓަރައިބިއުނަލުން ކުރި އަމުރަކީ ސައްޚަ އަމުރެއް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ކަމަށެވެ.
މި މައްސަލަ ބައްލަވާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފައި ޔޫސުފް ހުސެއިން އަދި އަބްދުއްރައޫފް އިބްރާހިމެވެ.

މި ފަސްމ ީހުންގެ ތެރެއިން ޝަހުރާބަކީ މަގުބޫލު ސަބަބެއްނެތި އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ މީހެކެވެ. އެ މައްސަލަ މިހާރުވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.