ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ދައުވާތަކެއް އުފުލާފައިވަނިކޮށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފުރި މައްސަލައިގައި މަޖިލީހުގެ އަންހެން މެންބަރުން ފޮނުވި ސިޓީގެ ވާހަކަ މަޖިލީހުގައި އިއުލާން ކުރި އިރު ރައީސް މުހައްމަދު ނަޝީދު އަލީ ވަހީދުގެ ނަން ބޭނުން ނުކުރައްވައިފި އެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، "ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހަކު، އޭނާ ރަށުން ފުރައިގެން ދިއުމާ އަދި އެކަމާ ގުޅޭ ގޮތުން ކަން ހިނގާ ދިޔަ ގޮތް އެ އިއްޒަތްތެރި ހަތަރު މެމްބަރުން ހިތްޕުޅާ ނުވާތީ އަދި ބޮޑަށް އެނގެން އެދިވަޑައިގަންނަވާތީ މެމްބަރުން ފޮނުއްވާފައިވާ ސިޓީއެއް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން،" ކަމަށެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގައި ތިއްބަވާ ހަތަރު އަންހެން މެމްބަރުންނެވެ. އަންހެން މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި އެދިފައި ވަނީ އަލީ ވަހީދު ފުރައިގެން ދިޔަ މައްސަލަ ބަލައިދިނުމަށެވެ.

އެ ސިޓީގައި މެމްބަރުން ވިދާޅުވެފައި ވަނީ ސީރިއަސް ތުހުމަތުތަކެއް ކުރެވި، ދައުވ އުފުލާފައިވާ މީހަކު ރާއްޖެއިން ފުރައިގެން ދިއުމަކީ އޭނާގެ ފަރާތުން ގޯނާ ލިބުނު މީހުންނަށް ލިބޭ އިތުރު އަނިޔާއެއް ކަމަށެވެ.

އެހެންކަމުން އެފަަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ދެނެގަނެ، އެ ބަދަލުތައް ތަންފީޒުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅައިދިނުމަށް ވަނީ އެދިފަ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހު އެވެ. އިސްތިއުފާ ނުދިނުމުން އަލީ ވަހީދު މަގާމުން ވަކިކުރީ ޖުލައި ނުވަ ވަނަ ދުވަހު އެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މަޖިލިސް ރައީސް އަލީ ވަހީދުގެ ވާހަކަ އާންމުކޮށް ދައްކަވާފައެއް ނުވެ އެވެ. އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މަޖިލިސް ރައީސް އެއްޗެއް ވިދާޅުވީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގަ އެވެ. އެފަހަރުވެސް ވިދާޅުވީ އަލީ ވަހީދަށް "ބޮޑު" ދައުވާތަކެއް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަލީ ވަހީދު ފުރުން މަނާކުރި އަމުރު ބާތިލް ކުރުމުން މި މަހުގެ ނުވަ ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއިން ފުރައިފަ އެވެ. އެ މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް އަދިވެސް އަލީ ވަހީދު ފުރުން ކުށްވެރިކުރައްވައި ވެސް މަޖިލިސް ރައީސް އެއްވެސް އެއްޗެއް ވިދާޅުވެފަ އެއް ނުވެ އެވެ. ނަމަވެސް ރައީސް ނަޝީދަކީ އާންމުކޮށް އެފަދަ މައްސަލަތަކުގައި ބަސް ވިދާޅުވާ ބޭފުޅެކެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.

އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލު ކުރީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި އޭނާ ރާއްޖެ ނައިސްފި ނަމަ ޒިންމާ ނަގާނެ ފަރާތެއްގެ ގޮތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވަނީ ހަމަޖައްސައިފަ އެވެ.