ގުދުސް (ފެބްރުއަރީ 15): އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ޖެހުމުން، އެ ވެކްސިން ނުޖަހާ މީހުންނާ އަޅާ ބަލާ އިރު ކޮވިޑްގެ އަލާމާތްތައް ފެންނަ މިންވަރު 94 ޕަސެންޓު ދަށްވާ ކަމަށް އިސްރާއީލުން ބުނެފި އެވެ.

އިސްރާއީލްގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ ކްލަލީތު އިން އެފަދައިން ބުނެފައި ވަނީ 1.2 މިލިއަން މީހުން ބައިވެރިވި ދިރާސާއަކުން ލިބުނު މައުލޫމާތަށް ބިނާކޮށްފަ އެވެ. އެ ދިރާސާގައި ފައިޒާ ވެކްސިން ޖެހި 600،000 މީހުންނާއި ވެކްސިން ނުޖަހާ 600،000 މީހުން ބައިވެރިވި އެވެ. އޭގެ ތެރެއިން ވެކްސިން ޖެހި ގުރޫޕުން ކޮވިޑްގެ އަލާމާތްތައް ފެނުނު މިންވަރު އަނެއް ގުރޫޕާ އަޅާ ބަލާއިރު 94 ޕަސެންޓު ދަށެވެ. އަދި ހަމަ އެ ގުރޫޕުގައި ބަލީގެ ހާލަތު ސީރިއަސްވި މީހުންގެ އަދަދު 92 ޕަސެންޓު ދަށެވެ.

މީގެ އިތުރުން އެ ދިރާސާގައި ވެކްސިން ޖެހި މީހުންގެ ތެރެއިން 170،000 މީހުންނަކީ 60 އަހަރުން މަތީގެ މީހުން ކަމަށާއި ޒުވާނުންގެ ހަށިގަނޑުގައި ވެކްސިން މަސައްކަތް ކުރާ ވަރަށް 70 އަހަރުން މަތީގެ މީހުންގެ ހަށިގަނޑުގައި ވެސް ވެކްސިން މަސައްކަތް ކުރާކަން ދިރާސާއިން ދައްކާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

އިސްރާއީލުން ވަނީ މިހާތަނަށް އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 30 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދީފަ އެވެ. އެގައުމުގެ ހެލްތު މިނިސްޓްރީން މި މަހުގެ ކުރީކޮޅު އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ކޮވިޑް ވެކްސިން ޖަހަން ފެށި ފަހުން އެ ގައުމުގެ 60 އަހަރުން މަތީގެ އާބާދީގައި ބަލި ޖެހޭ މިންވަރު ވަނީ 41 ޕަސެންޓު ދަށްވެފަ އެވެ. އަދި ކޮވިޑް ޖެހިގެން އެ އުމުރުފުރާގެ މީހުން ހޮސްޕިޓަލްގައި އެޑްމިޓު ކުރާ މިންވަރު ވަނީ 31 ޕަސެންޓު ދަށްވެފަ އެވެ.

ނަމަވެސް ވެކްސިން ފަހުން ޖަހަން ފެށި ޒުވާނުންގެ އާބާދީގައި ކޮވިޑްގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓު ކުރަން ޖެހުމާއި ހާލު ސީރިއަސްވާ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އަދި އެގައުމުން ވަނީ 16 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން މި މަހުގެ ހަތަރެއްގައި ހުޅުވާލާފަ އެވެ.