އިލެކްޝަން ކޮމިޝަނުން އެދުނު ގޮތަށް ލޯކަލް ކައުންސިލް އިންތިހާބު މިހާރު އިއުލާންކޮށްފައިވާ ތާރީހަށް ވުރެ ލަސްކުރެވެން ނެތް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ އޭޕްރީލް 10 އެއްގައި އިންތިހާބު ބޭއްވުމަށް ދަތިވާތީ އެ ތާރީހު ފަސްކުރުމަށް މަޖިލީހުގެ ލަފަޔަކަށް އީސީން ވަނީ އެދިފަ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ފައްޓަވަމުން އީސީން ފޮނުވި ސިޓީއާ ގުޅިގެން ނަޝީދު އެކަމުން މިސާލު ނެންގެވީ ދަރިފުޅުގެ ހޯމްވޯކް ނުހެދުމަށް ދައްކާ އުޒުރުތަކާއި ޝަކުވާ އާއި ބޮޑާހޭކުމާ ގުޅުވައިފަ އެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި އިންތިހާބު ނުބޭއްވުމަށް އީސީން ދައްކަނީ އެކި އެކި އުޒުރުތަކެވެ. އެކަމަކު ނަޝީދު ވިދާޅުވީ، "އީސީއަށް އެ ވަނީ ހޯމްވޯކް ދީފައި" ކަމަށާއި "ދެން އެ ހޯމްވޯކް ނިންމައިގެން އައުން ނޫން ގޮތެއް ނެތް" ކަމަށެވެ.

"އަމީންއާންމުގެ އަރިހުގައި ދަންނަވައިފިން، މިހާރު އަޅުގަނޑު ދަރިފުޅުގެ ހޯމްވޯކްއެކޭ މިއެކޭ އެއްވަރޭ. އެވެސް ނުހަދާން ވެގެން، ނުހެދޭ އެތައްގޮތެެއް ދަރިފުޅު ކިޔައިދޭ އަޅުގަނޑަށް. ބައެއް ދުވަސް ދުވަހު ފަންސޫރަށް ވެފައިވާ ގޮތެއް، އަނެއް ދުވަހު ގޮޑިއަށްވެފައިވާ ގޮތެއް، ކޮޓަރިއަށް ވެފައިވާ ގޮތެއް، ފުރާޅުމަތީގައިވާ ކަމެއް، ބޭރުގައިވާ ކަމެއް، މިހެން ގޮސް ކިތަންމެ ކަމެއް ކިޔައިދޭ،" އީސީން އިންތިހާބު ފަސްކުރުމަށް އެދި ފޮނުވާފައިވާ ސިޓީއާ ގުޅުވައި މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބު މިހާރު އޮތް ދުވަހަށް އޮންނާނެ ކަމަށެވެ. އަދި އެ ތާރީހަށް ވުރެ އިންތިހާބު މަޖިލީހުން ފަސް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ކޮމިޝަނާ އޮފް އިލެކްޝަންސްއަށް ވެސް އަދި ހޯމްވޯކް ހަދާ ކުދިންނަށްވެސް ދަންނަވަން އޮތް ވާހަކައަކީ، މިހާރު އެއޮތީ ހޯމްވޯކް ދީފައޭ ދެން އެ ނިންމައިގެން އަންނާށޭ. އެ ނޫން ގޮތެއް މިއަކު ނެތޭ. މި އިންތިހާބު މި އޮތް ދުވަހު އިރާދަކުރެއްވިއްޔާ އޮންނާނެ. އަޅުގަނޑުމެން އެއަކަށް އިރާދަކުރެއްވިޔާ ބަދަލެއް ނުގެންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުން ފާސްކޮށްފައިވާ ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު ބުނާ ގޮތުން އެންމެ ލަސްވެގެންވެސް އަންނަ މެއި މަހު ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އެއް ވަނަ އިސްލާހުގައިވާ ގޮތުން، އިންތިހާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީހުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

އީސީން މަސައްކަތް ކުރަމުން އަންނަނީ، އެޕްރީލް 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.