15 Feb 2021, 10:11
ވޮޝިންޓަން (ފެބްރުއަރީ 15) : އަލުން ވެރިކަމަށް ވަޑައިގެންނެވޭވަރުގެ ތާއީދެއް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނެތްކަން އެމެރިކާގެ އާންމުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެއެވެ.
"ޔޫގޯވް" ކުންފުންޏާއި އާއި "ދި އިކޮނޮމިސްޓް" ނޫސް ގުޅިގެން އެމެރިކާގެ އާންމުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވިގޮތުގައި ރިޔާސީ ދެވަނަ ދައުރަކަށް ޓްރަމްޕް ކުފޫ ހަމަނުވާކަމަށް އެމެރިކާގެ 53 އިންސައްތަ މީހުން ދެކެއެވެ. އަދި ޓްރަމްޕް ގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް އެތަށް ކުށްތަކެއް ކުރައްވާފައިވާކަމަށް ގަބޫލުކުރާ އެމެރިކާގެ އާންމުންގެ ނިސްބަތްވެސް 50 އިންސައްތަ އަށް އަރައެވެ.
ޓްރަމްޕާބެހޭގޮތުން "އިޕްސޮސް" އާއި "ރޮއިޓާސް" ގުޅިގެން ދާދިފަހުން ކުރި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން މިދިޔަ ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން އެމެރިކާގެ ކޮންގްރެސްގެ އިމާރާތަށް އަރައިގަނެ އެތަން ލޫޓުވައި ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ހުންނެވީ ޓްރަމްޕް ކަމަށާ އެކަމުގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހޭނެކަމަށް އެމެރިކާގެ ރައްޔިތުންގެ ތެރެއިން 71 އިންސައްތަ މީހުން ގަބޫލުކުރެއެވެ.
ނަމަވެސް މިމައްސަލާގައި ސެނެޓްގައި ޓްރަމްޕްގެ މައްޗަށް ހިންގި އިންޕީޗްމަންޓް ޝަރީއަތުގައި ޓްރަމްޕް ކުށްވެރިވާކަމަށް ސެނެޓްގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން ވޯޓު ނުދެއްވުމުން ޓްރަމްޕްވަނީ ކުށްސާބިތުނުވެ ސަލާމަތްވެ ވަޑައިގެންފައެވެ.
އިންޕީޗްމަންޓް ޝަރީއަތުގައި ކުށްސާބިތުނުވެ ސަލާމަތްވެވަޑައިގަތުމުން ޓްރަމްޕްވަނީ އެއީ އޭނާގެ ސިޔާސީ ހަޔާތް ކުރިޔަށް ގެންދަން ލިބުނު ކާމިޔާބީ އެއްކަމަށް ސިފަކުރައްވައި އެމެރިކާ އަލުން ވަރުގަދަ ގައުމަކަށް ހެދުމަށްޓަކައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ތާރީޚީ އަދި ވަތަނީ ހަރަކާތްތައް މިހިސާބުން ފެށުނީކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. އޭގެ ކުރިން އޭނާވަނީ ރިޔާސީ އިތުރު ދައުރަކަށް މަސައްކަތް ކުރާނެކަމުގެ އިޝާރާތްތަކެއްވެސް ދެއްވާފައެވެ.
އެމެރިކާގެ ސެނެޓްގައި ޓްރަމްޕްގެ މައްޗަށް ކުރި އިންޕީޗްމަންޓް ޝަރީއަތުގައި ޓްރަމްޕް ކުށްވެރިނުވުމަކީ އޭނާގެ ސިޔާސީ ހަޔާތް އަލުން ކުރިޔަށް ގެންދިޔުމަށް މަގުފަހިވާނެ ކަމެއްކަމަށް ވިޔަސް ރިޕަބްލިކަން ޕާޓީގައި މިހާރުއޮތް ޓްރަމްޕްގެ މަގްބޫލުކަން ދާދިއަވަހަށް ގެއްލިގެންދާނެކަމަށް އެމެރިކާގެ މުހައްލިލުން ވިދާޅުވެއެވެ. (ނޫސްއެޖެންސީތައް)