ކޮވިޑް19 ފެތުރޭތީ މޮނީޓަރިންގެ ހާލަތުގައި އޮތް އައްޑޫ ސިޓީގައި އުޅޭ ރައްޔިތުންގެ ތެރެއިން ނާޒުކު ހާލަތްތަކުގައި އުޅޭ މީހުންނަށް ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީ އިން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ އައްޑޫގައި ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް މި މަހުގެ 11 އިން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.

ކަމާގުޅޭ އިދާރާތަކާ ގުޅިގެން އައްޑޫ ސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، ކެއާ ޕެކޭޖުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މީގެ މަގުސަދަކީ އައްޑޫ ސިޓީގައި މިހާރު އޮތް މޮނިޓަރިން ޙާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ސިއްހީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތުގެ ތެރެއިން ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒާ، މާސްކް، އަންގި ފަދަ ތަކެތި ފޯރުކޮށްދޭ ކަމަށާއި ގާތްގަނޑަކަށް 50 ކެއާ ޕެކޭޖު ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ ފުވައްމުލަކު ސިޓީ މޮނިޓަރިން ހާލަތަށް ގެންގޮސްފައި ވާތީ، އެ ސިޓީގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.