01 Feb 2012, 09:28
އިންޓަމިލާންގެ އިޓަލީ މިޑްފީލްޑަރު ތިއާގޯ މޮޓާ ފްރާންސްގެ މުއްސަނދި ކުލަބު ޕެރިސް ސެންޓް ޖާމެން (ޕީއެސްޖީ) އާއި ގުޅިއްޖެ އެވެ.
މިދިޔަ މަހުގެ ޓްރާންސްފާ މުއްދަތުގައި މޮޓާ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ކުލަބަކީ ވެސް ޕީއެސްޖީ އެވެ. މިރޭ ނަޕޯލީ އާއި ދެކޮޅަށް އިންޓަ ކުޅޭ މެޗު ވެގެންދާނީ މޮޓާގެ އެންމެ ފަހު މެޗު ކަމަށް އޭނާގެ އެޖެންޓް ބުނި ނަމަވެސް މޮޓާ އެއްވެސް ކުލަބަކާއި ނުގުޅޭ ކަމަށް އިންޓަގެ ކޯޗު ރަނިއެރީ އިއްޔެ ބުނެފައި ވެއެވެ.
ގެނޯއާ އިން 2009 ވަނަ އަހަރު އިންޓަ އާއި ގުޅުނު މޮޓާ ވަނީ އެކުލަބަށް 54 މެޗު ކުޅެފައެވެ. އަދި އެކުލަބަށް އެގާރަ ގޯލު ކާމިޔާބު ކޮށްދީފައި ވެސް ވެއެވެ. ޕީއެސްޖީ އާއި މޮޓާ ގުޅުމުން އެޓީމުގެ މެދުތެރެއަށް މުއްސަނދިކަން ލިބިގެންދާނެ އެވެ. މޮޓާ އަކީ ބްރެޒިލް އަށް އުފަން އިޓަލީ އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އިޓަލީ ގައުމީ ޓީމަށް ކުޅުމުގެ ކުރިން މޮޓާ ކުޅެމުންދިޔައީ ބްރެޒިލް ގައުމީ ޓީމަށެވެ.