09 Jul 2010, 10:18
14:30
ކަސްޓަމަރުން އެދޭ ފަދަ އެންމެ ޒަމާނީ، އަދި ކުރިއަރާފައިވާ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެމުން ވަތަނިއްޔާއިން "އާ ދުނިޔެއަށް މަރުހަބާ" ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
މި ކެމްޕެއިނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަތަނިއްޔާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރ އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ، އުފެއްދުންތެރިކަމާއި އާ މަތަޖުރިބާތަކާއި ބަދަލުވަމުންދާ ޓެކްނޮލޮޖީގެ އަޖައިބުން ފުރިގެންވާ މާހައުލެއް ހިމެނޭ "އާ ދުނިޔެއަކަށް" ވަތަނިއްޔާއިން މަރުހަބާ ކިޔައިފައިވާ ކަމަށެވެ. "އާ ދުނިޔެއަށް މަރުހަބާ" މި ކެމްޕެއިނާއެކު ވަތަނިއްޔާއިން ވަނީ ކަސްޓަމަރުން އެދޭ ފަދަ އެންމެ ޒަމާނީ، އަދި ކުރިއަރާފައިވާ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިކަން ފާހަގަކުރައްވާ ޒަމްރާ ވިދާޅުވީ، މި ކެމްޕެއިން އަމާޒުކޮށްފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ އުފަލާއި މަޖާ، އެކުވެރިކަން އަދި އާ ކަންތައްތައް ނުވަތަ އިނޮވޭޝަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަތަނިއްޔާ އިން ދެމުންގެންދާ ޚިދުމަތްތަކާއި ކަންތައްތަކުގައި ގެންގުޅޭ ދުރު ވިސްނުން ބިނާވެގެންދާނީ މި ތިން އަސާސުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވަތައްނިޔާގެ 'އާ ދުނިޔެއަށް މަރުހަބާ' މި ކެމްޕެއިން ލޯންޗްކޮށްފައި ވަނީ ރޭ ހޮލިޑޭ އިންގައި ބޭއްވި ކުލަ ގަދަ ހަފްލާއެއްގަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ ހަފްލާގައި، އާ ޚިދުމަތްތަކާ ބެހޭ މައުލޫމާތު ހިމެނޭ ގޮތަށް ވަތަނިއްޔާގެ އާ ވެބްސައިޓް ޑަބްލިޔު ޑަބްލިއު ޑަބްލިއު ޑޮޓް ވަތަނިއްޔާ ޑޮޓް އެމްވީ ވަނީ ލޯންޗްކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ މަހުގެ 27 އިން ފެށިގެން 'އިޓްސް ހެޕަނިން' ގެ ނަމުގައި ވަތަނިއްޔާއިން ވަނީ މި ކެމްޕެއިންގެ ޓީސަރ އިސްތިހާރުތަކެއް ވެސް ފޮނުވަން ފަށައިފަ އެވެ. މި އިސްތިހާރުތަކަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި 'އިޓްސް ހެޕަނިން' ވެބްސައިޓަށް ވަދެ، ގިނަ ބަޔަކު ކޮމެންޓްވެސް ކޮށްފައިވާ ކަމަށް ވަތަނިއްޔާއިން ބުނެ އެވެ.