15 Feb 2021, 00:36
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށްދޭން ސަރުކާރުން ބޭނުންވާނަމަ، ފްލެޓްތަކަށް ޕޮއިންޓް ދިން އުސޫލު އިސްލާހުކުރަން ހިޔާ ފްލެޓުތަކަށް ފޯމު ހުށަހެޅި މީހުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ސަރުކާރަށް ގޮވާލައިފި އެވެ.
ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓުގައި މައްސަލަ ހުރި ނަމަ އަލުން ބެލުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ލިސްޓު އަދި އުސޫލުގައި ހުރި މައްސަަލަތަކުގެ ވާހަކަ އެންމެ ބާރަށް، އެންމެ ގިނަ ބަޔަކު ތަމްސީލު ކުރަމުން ދެއްކީ އެ ޖަމިއްޔާއިން ކަމަށެވެ.
ނަމަވެސް ފައިނަލް ލިސްޓު ނެރުނީ އެ ޖަމިއްޔާއިން ދެއްކި އެއްވެސް ވާހަކަ އަކަށް، އުސޫލުގައި ހުރި މައްސަލައަކަށް ރިއާޔަތް ކުރުމަކާއި ނުލާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އުސޫލުގައި ހުރި "ކޮރުކަން" ލިސްޓަށް ވާރުތަވެފައިވާ ކަމަށެވެ.
"ވީމާ ރައީސް ގެ މިވާހަކަފުޅުގައި ހެޔޮ ނިޔަތް ވާނަމަ، ދެންނެވުނު މައްސަލަތައް ހައްލު ކުރަން އަވަހަށް އުޅެގަތުން މުހިންމެވެ." ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާއިން ބުނީ އުސޫލާއި ލިސްޓުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ފްލެޓު ކޮމެޓީއާ މަޝްވަރާ ކުރަން އާންމުންގެ ޖަމިއްޔާ ތައްޔާރަށް އޮތް ކަމަށާއި ލިސްޓު ނެރުމުގެ ކުރިންވެސް މަޝްވަރާ މޭޒަށް އެއްވުމަށް އެ ޖަމިއްޔާއިން ފްލެޓު ކޮމެޓީއަށް ދައުވަތު އެރުވި ކަމަށެވެ. އަދި އެ ދައުވަތު އަދިވެސް އެބަ އޮތް ކަމަށެެވެ.
"ވީމާ ލިސްޓުގައި ހުރި މައްސަލަތައް ހެޔޮ ނިޔަތުގައި ހައްލު ކުރަން ސަރުކާރުން ބޭނުންފުޅު ވާނަމަ މި މަޝްވަރާތައް ރާވައި ކުރިއަށް ގެންގޮސް، އުސޫލުގައި ހުރި މައްސަލަ ހައްލު ކުރަން އަވަސް ވެގަތުމަށް އަޅުގަނޑުމެން ގޮވާލަމެވެ. އެއީ ކައްޗަށް އެޅުނު ބިންގާ ކެއްޗާއި ހަމައިން ސީދާ ކުރަން އުޅުނަސް ނުވާނެތީއެވެ." އެ ބަޔާނުގައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ނަމަވެސް ދާއިމީ ލިސްޓުގައި، ކުރީ ސަރުކާރުން ފްލެޓް ލިބުނު ކަމުގެ ލިޔުން ދިން ގިނަ ބަޔަކު ނެތުމުގެ ކަންބޮޑުވުމާއި، އަދި ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބައެއްގެ އަތުން ފްލެޓު އަތުލި ކަމުގެ ނުރުހުން ވެސް އަންނަނީ ފާޅުކުރަމުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހުންނާނެ އެވެ. އޭގެ ތެރެއިން 6،720 ފްލެޓު ދިރިއުޅުމަށް ދޫކުރާއިރު ކޮންމެ އިމާރާތެއްގައި ވެސް އެންމެ ތިރީ އެޕާޓްމެންޓުތައް ވަނީ ކޮމާޝަލް ބޭނުމަށް ހާއްސަ ކޮށްފައެވެ.