ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓެއް ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ހިފަހައްޓާފައި ވަނީ ހދ. ނާވައިދޫގެ ހުޅަނގުން ހަތް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެ ބޯޓު އެ ސަރަހައްދުގައި ހަރަކާތްތެރިވާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވަނީ މިއަދު 17:42 ހާއިރު، އެ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު ހދ. މަކުނުދޫ "ރަންދި" ދޯނިންނެވެ.

އެމްއެންޑީއެފް އިން ބުނީ ބޯޓާ ބެހޭ މައުލޫމާތު ކޯސްޓްގާޑަށް ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ރިޕޯޓާ ގުޅިގެން ކުރި މަސައްކަތުން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އެ ބޯޓު ގެންދެވިފައިވަނީ މިރޭ 19:08 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންނެވެ. އަދި ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިރޭ 21:41 ހާއިރު ހދ. ކުޅުދުއްފުއްޓަށް އެ ބޯޓު ވަނީ ގެންގޮސްފަ އެވެ.

ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ބޯޓު ގެންދެވުނު އިރު ބޯޓުގައި ތިބީ ހަ މީހުން ކަމަށާއި އެ މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.