ފުވައްމުލައް ސިޓީ އިންް އިތުރު ހަތަރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ މިއަދު ޕޮޒިޓިވްވި ހަތަރު މީހުންނާއެކު އެ ސިޓީގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވް 20 މީހަކު އެބަތިބި ކަމަށެވެ.

އެ ސިޓީން ޖުމަލަ 25 މީހަކު ޕޮޒިޓިވްވި އިރު، މިހާތަނަށް ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިވަގުތު އެ ސިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހަކު ނެތެވެ.

މިހާތަަށް އެ ސިޓީން 3805 ސާމްޕަލް ޓެސްޓުކޮށްފައިވާއިރު، ނަތީޖާ ނުލިބި ވަނީ 180 ސާމްޕަލް އެވެ.

ފުވައްމުލަކުން ކޮވިޑްގެ ކޭސްތަކެއް ފެންނަން ފެށުމާއެކު ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ފުވައްމުލައް ސިޓީގައި ބަލިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފަ އެވެ.

އެގޮތުން އެއްގަމު އުޅަނދު ދުއްވުމާއި ބޭރަށް ނިކުމެ އުޅުން ވަކި ވަގުތަކަށް މަނާކުރުމުގެ އިތުުރުން އެ ސިޓީގައި ހަފްލާތަކާއި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމުގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށާއި މަގުމައްޗަށް އެއްވެ އުޅުން ހުއްޓައިލަން ވަނީ އަންގައިފަ އެވެ.

އެ ސިޓީގެ ސެލޫންތަކާއި، ޖިމް، ބޯކޮށާ ތަންތަން ބަންދުކުރުމުގެ އިތުރުން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލަން ވަނީ ނިންމައިފަ އެވެ.

ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައަޅައިގެން ހިދުމަތް ދޭން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލަންވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

ފުމައްމުލަކުގައި ކޮވިޑު ފެތުރޭކަން އެނގުނީ މި މަހުގެ ހަތްވަނަ ދުވަހު އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ. އޭނާ އާއި ގުޅުންހުރި އިތުރު ބަޔަކު ޓެސްޓުކުރި އިރު އޭގެ ތެރެއިން އިތުރު އަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ސިޓީގައި މިހާތަނަށް ނުވަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.