ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު 80 ޕަސެންޓް ގޮނޑިއާ އެކު ކާމިޔާބު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ވާޗުއަލްކޮށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގައި ތިބެ ކެމްޕެއިނު ކުރުމާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ކެމްޕެއިން ކުރުމާއި ބޮޑެތި ތަފާތުތަކެއް ހުރި ކަމަށެވެ.

ރައީސް ސޯލިިހު ވިދާޅުވީ އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިހާބަށް ތައްޔާރުވެ ކަމަށެވެ. އަދި އެއީ ކެމްޕެއިންތަކާއި އިންތިހާބު ތަކަށް ފަރިތަ ޕާޓީއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

"ވެރިކަމުގައި އޮވެ އިންތިހާބަކަށް ކުރިމަތިލާއިރު ކުރިމަތިވާނެ ސުވާލަކީ ކޮން ކަމެއްހޭ ކޮށްދިނީ. ދާއިރާއަށް ކޮށްދިނީ ކޮން ކަމެއްހޭ. އަތޮޅަށް ކޮށްދިނީ ކޮން ކަމެއްހޭ ރަށަރަށް ކޮށްދިނީ ކޮން ކަމެއްހޭ. މި ސުވާލުތައް އަޅުގަނޑުމެންނާ ކުރިމަތިވާނެ. މި ސުވާލުތަކަށް އަޅުގަނޑުމެން އަތުގައި ޖަވާބު އެބަހުރި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރާއި އެމަނިކުފާނު ހުންނެވީ އިންތިހާބަށް ވަގުތު ހުސްކުރުމަށް ތައްޔާރަށް ކަމަށެވެ.

ވޭތުވެ ދިޔަ ދެ އިންތިހާބުވެސް އެމްޑީޕީއިން ކާމިޔާބު ކުރީ ހިތްވަރާއެކުކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ މި އިންތިހާބުވެސް ކާމިޔާބު ކުރާނީ ބޮޑުތަނުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރީ ގޮނޑީގެ 75 ޕަސެންޓާއި އެކު. ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑަށް މިހާރު ފެންނަ މަންޒަރުން އިރާދަކުރެއްވިޔާ 75 ޕަސެންޓަށްވުރެ އިތުރަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. އަޅުގަނޑަށް ފެންނަ މަންޒަރުގައި އިރާދަކުރެއްވިއްޔާ 80 ޕަސެންޓަށްވުރެ މައްޗަށް ގޮނޑި ކާމިޔާބު ކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނިމިދިޔަ ދެ އަހަރުގައި ސަރުކާރުން ދާއިރާތަކަށް ރަށްތަކަށް ކޮށްދިން ކަންކަން ކިޔައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން މިހާރު ނިންމާފައި އޮތް ތާރީހަކީ އެޕްރީލް 10 ވަނަ ދުވަހެވެ.