ލޯނުގެ ދަށުން އިޓަލީ ޗެމްޕިއަން އޭސީ މިލާނަށް ކުޅެމުންދާ އެލެކްސެންޑާ މާކެލް ގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ދެމަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ޖަރުމަންގެ މިޑްފީލްޑަރު މާކެލް ލޯނުގެ ދަށުން ގެނޯއާއިން އޭސީ މިލާނާއި ގުޅުނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭސީ މިލާނުގެ މިޑްފީލްޑަރުން ކަމަށްވާ ގެނޭރޯ ގަޓޫސޯ އަށާއި އަލްބާޓޯ އަކުއިލާނީ އާއި ލިބުނު އަނިޔާ އާއި ގުޅިގެން ގެނެވުނު މާކެލް އަށް ލިބުނު މިއަނިޔާ އާއި ގުޅިގެން ސީޒަންގެ މުހިންމު މެޗުތަކެއް އޭނާ އަށް ގެއްލިގެންދާނެ އެވެ.

"މާކެލް ދަނީ އިތުރު ޓެސްޓްތަކެއް ހަދަމުން. ނަމަވެސް އޭނާ އަށް ދެމަސް ދުވަހުގެ ކުޅުން ގެއްލޭނެ." މިލާނުގެ ރަސްމީ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެއެވެ.

އުމުރުން ނަވާރަ އަހަރުގެ މާކެލް އަށް އަނިޔާވީ މިދިޔަ ބުރާސްފަތި ދުވަހު އޮތް ކޮޕާ އިޓަލިއާގެ ކުއާޓާ ފައިނަލުގައި ލާޒިއޯ އާއި ދެކޮޅަށް މިލާނު ކުޅެ މޮޅުވި މެޗުގައެވެ. ހަ މަހުގެ ލޯނެއްގެ ދަށުން މާކެލް މިލާނާއި ގުޅުނީ މިދިޔަ މަހު 17 ވަނަ ދުވަހު އެވެ.