މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ކުރިން ލޮކްޑައުން ކުރި އިރު ދޫކޮށްފައިވާ ފާސްތައް ބޭނުން ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ ބޭރަށް ނުކުތުމަށް ލޮކްޑައުން ކުރި އިރު ފުލުހުން ދޫކުރި ފާސްތައް ބައެއް ފަރާތްތަކުން ބޭނުންކުރަމުން އަންނަ ކަމަށެވެ.

"އެހެންނަމަވެސް، ކުރިން ދޫކޮށްފައިވާ ފާސް މީހާރު ބޭނުން ނުކުރެވޭނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.

އެހެންކަމުން ވެހިކަލް ދުއްވުން މަނާގަޑީގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށްhttp://police.gov.mv/permitމެދުވެރިކޮށް ހުއްދައަށް އެދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު ހަމަޖެއްސީ ރޭގަ އެވެ.

އެގޮތުން ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ، އިމަޖެންސީ ޑިއުޓީއަށް ދިއުމާއި އައުމަށާއި އެއާޕޯޓަށް ދަތުރުތަކަށް އަދި ކާބޯތަކެތި ޑެލިވާކުރުމަށް ކެފޭ ރެސްޓޯރެންޓުތަކަށެވެ.

ޕޮލިސް ޕޯޓަލް ލިންކު ބޭނުން ކޮށްގެން އަދި ޕޮލިސް ޕާމިޓް ސެންޓަރު ނަމްބަރު، 1665 އަށް ގުޅައިގެންވެސް ހުއްދައަށް އެދެވޭނެ އެވެ.

ކޮވިޑް ކޭސްތައް އިތުރުވެ، ބަލި ކޮންޓްރޯލް ކުުރުމަށް މާލެ ސިޓީގައި ބޭރަށް ނުކުމެ އުޅޭ ގަޑިތައް ކުރުކޮށްފަ އެވެ. އެގޮތުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމައްޗަށް ނުކުތުންވެސް ވަނީ މަނާކޮށްފަ އެވެ.