ކޮވިޑް19އިން ދިފާއުވުމަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 38،000 ހުރަސް ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހު އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 38،591 މީހަކަށް ކޮވިޑް ވެކްސިން ވަނީ ޖަހާފަ އެވެ. އޭގެ ތެރެއިން 31،322 މީހަކު ވެކްސިން ޖަހާފައިވަނީ، މާލެ ސަރައްދުންނެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދަކީ، 7،170 އެވެ.

މިއަދު ރާއްޖެއިން ކޮވިޑް ވެކްސިން ޖަހާފައިވަނީ 5،485 މީހަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރައްހަދުން ޖެހި 4،257 މީހަކާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 1،129 މީހެކެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

މިދިޔަ ބުދަ ދުވަހު އިތުރު 5000 ޑޯޒް ގެނެސްފައި ވާއިރު، މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒް ލިބޭނެ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.