14 Feb 2021, 22:17
މިއަދު ރާއްޖެއިން 112 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް ރާއްޖެއިން ވަނީ 3،497 ސާމްޕަލް ޓެސްޓުކޮށްފަ އެވެ.
އޭގެ ތެރެއިން 112 މީހަކު ޕޮޒިޓިވްވި އިރު، 81 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވި އިރު، މީހުން ދިރިއުޅޭ ރަށްތަކުން 11 މީހަކާއި، ސިނާއީ ރަށްރަށުން ފަސް މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށަކުން ވެސް އެއް ކޭސް ފެނިފައިވެ އެވެ.
މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 97 ކޭސް މަދު އަދަދެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 209 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ، 17،828 އެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 157 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 15،448 އެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،315 އެވެ. އޭގެ ތެރެއިން 193 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ، 58 އެވެ.
މިއަހަރު ތެރޭ އެންމެ ގިނަ މީހުން ޕޮޒިިޓިވްވެފައިވަނީ މިމަހު އެއް ވަނަ ދުވަހުއެވެ. އެދުވަހު 215 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.