14 Feb 2021, 22:07
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާ ސެކްރެޓަރީ ޖެނެރަލް އަކަށް ޝާޒްލީ ޝަފީގް ހަމަޖައްސައިފި އެވެ.
އެ މަގާމަށް ޝާޒްލީ ހަމަޖެއްސީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި އެވެ. ޝާޒްލީ އަކީ އެމްޑީޕީގެ އެސްޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލި ހަމައެކަނި ފަރާތެވެ.
އޭނާ ވަނީ މީގެކުރިން 2012 ވަނަ އަހަރު ވެސް އެ މަގާމު ފުރުއްވައިފަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ 2014 ވަނަ އަހަރު އެވެ.
ޝާޒްލީ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އަންޑަ ސެކްރެޓަރީ ކަމާއި، ޖަޕާނަށް އޭރު ކަނޑައަޅުއްވާފައިވާ ހުންނެވި ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ކަމާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.
ޝާޒްލީ ޝަފީގަކީ އެމްޑީޕީ އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ފަރާތެކެވެ.
އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރީ އެ މަގާމުގައި ހުންނެވި އެމްޑީޕީ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.