ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓުގައި މައްސަލަ ހުރި ނަމަ އަލުން ބެލުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ނަމަވެސް ދާއިމީ ލިސްޓުގައި، ކުރީ ސަރުކާރުން ފްލެޓް ލިބުނު ކަމުގެ ލިޔުން ދިން ގިނަ ބަޔަކު ނެތުމުގެ ކަންބޮޑުވުމާއި، އަދި ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބައެއްގެ އަތުން ފްލެޓު އަތުލި ކަމުގެ ނުރުހުން ވެސް އަންނަނީ ފާޅުކުރަމުންނެވެ.

ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ، ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ 7000 ފްލެޓުގެ މަސައްކަތް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް 7000 ފްލެޓަށް 25،000 ފަރާތަކުން ކުރިމަތިލާއިރު އޭގައި ކަންބޮޑުވުންތަކެއް ހުންނާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އޭގެ ތެރޭގައި އަޅުގަނޑު ވެސް ގަބޫލުކުރަން ހަމަ [ފްލެޓް] ހައްގުވާ އެތައް ބަޔަކަށް ނުލިބި ހުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެޔަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. މައްސަލަތަކެއް ހުރި ކަމަށް ވަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހުގައި އަޅުގަނޑުމެން އޭގެ ހައްގު ފަރާތްތަކަށް އެ ފްލެޓުތައް ދޫކުރާނަން،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހުންނާނެ އެވެ. އޭގެ ތެރެއިން 6،720 ފްލެޓު ދިރިއުޅުމަށް ދޫކުރާއިރު ކޮންމެ އިމާރާތެއްގައި ވެސް އެންމެ ތިރީ އެޕާޓްމެންޓުތައް ވަނީ ކޮމާޝަލް ބޭނުމަށް ހާއްސަ ކޮށްފައެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުުކުރުމަށް މި ސަރުކާރުން ވެސް މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއުތައް ނިމޭ އިރު، ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑުތަން ހައްލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި މިއަހަރު ނިމުމުގެ ކުރިން 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި، ބައެއް މަޝްރޫއުތައް އެކި ސަބަބަބުތަކާހުރެ، މަޑު ޖެހިފައި އޮތުމަށްފަހު، މިހާރު މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޭ ތެރެއިން، 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާއިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މެއި މަހު ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، އަތޮޅު ތެރޭ ރަށްތަކުގައި ވެސް ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި 300 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށްވެސް ޕްލޭންކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.