14 Feb 2021, 18:17
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކުރި އިރު އެ މީހުން އަތުން 2.5 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ޕެސްޓްގެ އިތުރުން ދެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.
އެ އެންމެންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ. އެ އެންމެން ވެސް ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.
"ރީތި ކުދިން"ގެ ނަމުގައި ނެރުނު ރެޕް ލަވައަކުން 2011 ވަނަ އަހަރު މަޝްހޫރުކަން ހޯދި ޕެސްޓް އަކީ މިހާރު މަގުބޫލު މިއުޒިކް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިންމު އެއް ފަންނާނެ އެވެ.
އޭނާ މަޝްހޫރުވެފައި ވަނީ ރާއްޖޭގެ "ރެޕް ކިންގް" ނުވަތަ ރެޕްގެ ރަސްގެފާނުގެ ގޮތުގަ އެވެ.