ނިމިގެންދިޔަ އަހަރު ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ކުޅުންތެރިންގެ އަގު ވަޒަންކޮށް އެ ކުޅުންތެރިންނަށް ރޭ އެވޯޑެއް ދީފި އެވެ. ދަރުބާރުގޭގައި ބޭއްވި "ގައުމީ ކުޅިވަރު އެވޯޑް 2011" ޝަރަފުވެރި ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެވެ.

ގައުމީ ކުޅިވަރު އެވޯޑު ދިން ރަސްމިއްޔާތުގައި ރާއްޖެއަށް ބައިނަލްއަގުވާމީ މައިދާނުގައި މިދިޔަ އަހަރު ވަނަތައް ހާސިލުކޮށްދިން ހުރިހާ ކުޅުންތެރިންތަކަކަށް އެވޯޑު ދީފައި ވެއެވެ.

ކުޅުންތެރިންގެ އަގު ވަޒަން ކުރުމަށް ބޭއްވޭ ފުރަތަމަ ގައުމީ ކުޅިވަރު އެވޯޑު ހަފްލާ އާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ ކުޅިވަރާބެހޭ ގައުމީ އިދާރާގެ ނައިބު ރައީސް ހަސަން އިސްމާއިލް އެވެ.

މިދިޔަ އަހަރު ބައިނަލްއަގުވާމީ މައިދާނުގައި އެކިއެކި ކުޅިވަރުން ގިނަ މެޑަލްތަކެއް ހޯދާފައި ވެއެވެ. ބްރޮންޒް މެޑަލް އާއި، ރިހި މެޑަލް އަދި ރަން މެޑަލް ހޯދި ކުޅުންތެރިންނަށް އެވޯޑުތައް ދިނީ ކުޅިވަރުގެ ރޮނގުން ރާއްޖެ އަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ އިއްޒަތްތެރިންނެވެ.

ތިރީގައި އެވަނީ ގައުމީ ކުޅިވަރު އެވޯޑު ހާސިލުކުރި ޓީމުތަކާއި ފަރާތްތަކެވެ.

ގައުމީ ބެޑްމިންޓަން ޓީމް:
ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ މެމްބަރުންނަކީ ނަޝީއު ޝަރަފުއްދީން އާއި މުހައްމަދު ނަޝްފާން އާއި، މުޙައްމަދު އަޖްފާން ރަޝީދު އާއި، އިބްރާހިމް ޝާމިއު އާއި، މުހައްމަދު ޝާރިމް އަދި ޓީމުގެ މެނޭޖަރު އަދި ކޯޗު އަހުމަދު ރިޔާޒް އެވެ.

ގައުމީ އަންހެން ކެރަމް ޓީމް:
ގައުމީ އަންހެން ކެރަމް ޓީމުގައި ހިމެނޭ މެމްބަރުންނަކީ އައިޝަތު ފައިނާޒް އާއި، އައިޝަތު ޝަޒްނާ އާއި، އައިމިނަތި ވިޝާމާ އާއި، އައިމިނަތު ވިދާދު އާއި، އައިމިނަތު ނިފާޝާ އާއި، ޓީމުގެ މެނޭޖަރު އިބްރާހިމް ނާޒިމް އަދި ޓީމުގެ ކޯޗް އާރްކޭއޯ ރާޖް އެވެ.

ގައުމީ ފިރިހެން ކެރަމް ޓީމް:
ގައުމީ ފިރިހެން ކެރަމް ޓީމުގައި ހިމެނޭ މެމްބަރުންނަކީ ހުސައިން ނީޝާމް އާއި، ހަސަން ނާޒިމް އާއި، ޝާފިއު މުހައްމަދު އާއި، އަހްމަދު އާމިރު އަދި ޓީމުގެ މެނޭޖަރު މުހައްމަދު ސައީދު އެވެ.

ގައުމީ ފިރިހެން ބާސްކެޓް ޓީމް:
ގައުމީ ފިރިހެން ބާސްކެޓް ޓީމުގައި ހިމެނޭ މެމްބަރުންނަކީ އަހްމަދު ފިރާޝް އާއި، މުހައްމަދު ޖިލާލް އާއި، އަލީ ފަޒްލީ އާއި، އަހްމަދު އަފްޝަން ރަޝާދު އާއި، ޓީމުގެ ކޯޗް މުހައްމަދު ހާޝީމް އަދި ޓީމުގެ މެނޭޖަރު ޝުފުން ވިނާމް އެވެ.

އިންޑިވިޖުއަލް އިވެންޓްތަކުން ބްރޮންޒް މެޑަލް ހޯދައިގެން އެވޯޑު ހާސިލުކުރި ކުޅުންތެރިންނަކީ މުހައްމަދު އަޖްފާން ރަޝީދު (ބެޑްމިންޓަން)، ނަޝީއު ޝަރަފުއްދީން (ބެޑްމިންޓަން)، މުހައްމަދު ނަޝްފާން (ބެޑްމިންޓަން)، އާދިލް މުހައްމަދު (ބޮޑީ ބިލްޑިންގް)، ހަސަން ނާޒިމް (ކެރަމް)، އަހްމަދު ހާމިދު (ކެރަމް)، އައިޝަތު ފައިނާޒް (ކެރަމް)، އައިޝަތު ޝަޒްނާ (ކެރަމް)، އައިމިނަތު ވިޝާމާ (ކެރަމް)، އިބްރާހިމް މަނިކް (ޗެސް)، ފާތިމަތު ޖުމާނާ ނިމާލް (ޓޭބަލް ޓެނިސް)، އިބްރާހިމް ޝިމާން (ސާފިންގް)، ނޫމާން އަބޫބަކުރު (ވިންޑް ސާފިންގް)، ދީނާ އަބްދުލް ހަމީދު (ސްޕެޝަލް އޮލިމްޕިކްސް) އެވެ.

ޓީމް އިވެންޓްތަކުން ރިހި މެޑެލް ހޯދައިދިން ޓީމުތައް:

ގައުމީ އަންހެން ބާސްކެޓް ޓީމް
ގައުމީ އަންހެން ބާސްކެޓް ޓީމުގައި ހިމެނޭ މެމްބަރުންނަކީ އައިމިނަތު ޝިއުރާ އާއި، ނައުމާ އަބައިދުﷲ އާއި، ނަޝްފާ އާމިރާ އާއި، ފަދުވާ ޒާހިރު އާއި، ޓީމުގެ ކޯޗް ޝިޒްނާ ރިޝީދު އަދި ޓީމުގެ މެނޭޖަރު ސިކުން ކުމާރު އެވެ.

ކެރަމް މިކްސް ޑަބަލްސް ޓީމު:
މިޓީމުގައި ހިމެނޭ ދެކުޅުންތެރިންނަކީ އައިމިނަތު ވިދާދު އަދި ޝާފިއު މުހައްމަދު އެވެ.

އިންޑިވިޖުއަލް އިވެންޓްތަކުން ރިހި މެޑަލް ހޯދައިގެން އެވޯޑު ހާސިލުކުރި ކުޅުންތެރިންނަކީ މުއީނާ މުހައްމަދު (ޓޭބަލް ޓެނިސް) އަދި އަހްމަދު ފައުޒާން އައްބާސް (ސާފިންގް) އެވެ.

ރަން މެޑަލް ހޯދައިގެން އެވޯޑު ހާސިލުކުރި ކުޅުންތެރިންނަކީ ލިޔާގް ޔޫސްފް (ސްޕެޝަލް އޮލިމްޕިކްސް)، އަސްމާއިލް މަހްފޫޒް ހާޝިމް (ސްޕެޝަލް އޮލިމްޕިކްސް)، ހަސަން އަފްޝަލް ޝާފިއު (ސްޕެޝަލް އޮލިމްޕިކްސް) އަދި އަލީ ހުޝްރުއާން އަހްމދު (ސާފިންގް) އެވެ.

އެވޯޑުތައް ހައްގުވާ ފަރާތްތަކަށް އެވޯޑުތައް ހަވާލުކުރުމަށް ފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދު އެވޯޑު ލިބުނު ފަރާތްތަކަށް މަރުހަބާ ދެންނަވާ ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ނަޝީދު ވާހަކަ ފުޅުގައި މި ސަރުކާރުން ކުޅިވަރު ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތު ނިންމާލައްވުމުގެ ކުރިން ކުޅިވަރާއި ބެހޭ ގައުމީ އިދާރާގެ ރައީސް އަލީ އާމިރު ޝުކުރު އަދާކޮށްދިނުމުގެ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މިރަސްމިއްޔާތު ނިންމާލީ ގައުމީ ސަލާމުންނެވެ.