ޓޯކިޔޯ (ފެބްރުއަރީ 14): ޖަޕާނުގެ އިރުމަތީ އައްސޭރިފަށަށް 7.3 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައިސް، 100އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ)އިން ބުނި ގޮތުގައި އެ ބިންހެލުން އައީ އިއްޔެ އެގައުމުގެ ގަޑިން 23:08ގައި ފުކުޝީމާގެ އައްސޭރިފަށުން، 60 ކިލޯމީޓަރު (37 މޭލު) އަޑިންނެވެ. އޭގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރެއް ނުދެ އެވެ.

އެ ބިންހެލުމުގެ ސަބަބުން ޖަޕާނުގެ އެކި ސަރަހައްދުތަކުން 100އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށް ކިޔޯދޯ ނޫހުން ރިޕޯޓު ކުރި އެވެ. އަދި ގާތްގަނޑަކަށް އެއް މިލިއަން ގެއަކުން ކަރަންޓު ކެނޑި، ބައެއް ގެތަކަށް ފެން ލިބުމަށްވެސް ދަތިވި އެވެ.

މީގެ އިތުރުން އެ ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކެއް ހިނގާ، ކުޅިވަރު ކޮމްޕްލެކްސްއަކަށް ގެއްލުން ލިބުނެވެ. ނަމަވެސް އެ ބިންހެލުމުގެ ސަބަބުން ނިއުކްލިއާ ޕަވާ ޕްލާންޓަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ކަޓްސުނޮބޯ ކަޓޯ ވިދާޅުވި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ ވިދާޅުވި ގޮތުގައި އެ ބިންހެލުމުގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވި ނަމަވެސް އޭގެ ސަބަބުން އެއްވެސް މީހަކު މަރުވި ކަމަށް އަދި ރިޕޯޓުކޮށްފައި ނުވެ އެވެ.

ޖަޕާނަށް އިއްޔެ އެ ބިންހެލުން އައީ މީގެ 10 އަހަރު ކުރިން، 11 މާޗް 2011އިގައި 9.1 މެގްނިޓިއުޑުގެ ބިންހެލުން އައި ސަރަހައްދަށެވެ. އަދި އިއްޔެގެ ބިންހެލުމަކީ އެ ބިންހެލުމުގެ އާފްޓާޝޮކެއް ކަމަށް ޖޭއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި ބޮޑު ބިންހެލުމަކަށް ފަހު، އޭގެ އާފްޓާޝޮކްތައް އަހަރުތަކަށް ފަހުވެސް އައިސް ދާނެ އެވެ.

ދެހާސްއެގާރަ ވަނަ އަހަރުގެ ބިންހެލުމާ އެކު ޖަޕާނަށް ސުނާމީއެއް އަރާ، އޭގެ ސަބަބުން 18،000އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި އެ ސުނާމީގެ ސަބަބުން ޖަޕާނުގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ނިއުކްލިއާ އެކްސިޑެންޓު ހިނގަން މެދުވެރިވި އެވެ.

އެ ހާދިސާގައި ފުކުޝީމާ ޑައިޗީ ނިއުކްލިއާ ޕްލާންޓުގެ ތިން ނިއުކްލިއާ ރިއެކްޓަރު ގޮވާ، ރޭޑިއޭޝަން ބޭރުވި އެވެ. އޭގެ ސަބަބުން އެ ސަރަހައްދުން 470،000 މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން ޖެހުނެވެ. އަދި އޭގެ ތެރޭގައި ހޮސްޕިޓަލްތަކުން ގެންދިޔަ 44 މީހަކު މަރުވި އެވެ.