14 Feb 2021, 15:55
އޯކްލޭންޑް (ފެބްރުއަރީ 14): ނިއު ޒިލެންޑުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޯކްލޭންޑުން ތިން މީހަކަށް ކޮވިޑް-19 ޖެހުމުން އެ ސިޓީ ފުރަބަންދު ކުރަން ނިންމައިފި އެވެ.
ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވިދާޅުވި ގޮތުގައި އޯކްލޭންޑް ފުރަބަންދު ކޮށްފައި އޮންނާނީ މިރޭ ދަންވަރުން ފެށިގެން ތިން ދުވަހަށެވެ. އަދި އެ ތިން ދުވަހު އެ ސިޓީގެ 1.7 މިލިއަން މީހުން ގޭގައި ތިބުމަށް އަންގާ، ސްކޫލްތަކާއި ޒަރޫރީ ނޫން ވިޔަފާރިތައް ބަންދު ކުރަން ވަނީ އަންގާފަ އެވެ.
މީގެ އިތުރުން ނިއު ޒިލެންޑުގެ އެހެން ސަރަހައްދުތަކުގައި ތިން ދުވަހަށް މާސްކު އެޅުމަށް އަންގާ، 100އަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.
އާޑާން ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތައް އަޅަނީ މިއަދު އޯކްލޭންޑުން އެއް އާއިލާއެއްގެ ތިން މެމްބަރަކު ވައިރަހަށް ޕޮޒިޓިވްވުމުންނެވެ. އަދި އެ މީހުންނަށް ޖެހިފައި ވަނީ ކޮވިޑްގެ އާ ވޭރިއެންޓު ކަމަށް ވެދާނެތީ، ރައްކާތެރިވުމުގެ ގޮތުންނެވެ.
ނިއު ޒިލެންޑުގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ޑރ. އޭޝްލީ ބްލޫމްފީލްޑް ވިދާޅުވި ގޮތުގައި އެ އާއިލާގެ މެމްބަރުން ވަނީ ބަލީގެ އަލާމާތްތައް ފެނުމުން އަމިއްލައަށް އެކަހެރިވެފަ އެވެ. އަދި އެ ތިން މީހުންނާ ބައްދަލުވި މީހުން ކަރަންޓީނުވާން އަންގާ، ކޮވިޑް ޓެސްޓުތައް މިހާރު ދަނީ ހަދަމުންނެވެ.
ނިއު ޒިލެންޑުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ދުރާލާ ގައުމު ފުރަބަންދު ކުރި އެވެ. އަދި އެގައުމުގެ ފަސް މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 2،330 މީހުންނެވެ. އަދި ބަލީގައި މަރުވެފައި ވަނީ 25 މީހުންނެވެ.
ބޮޑުވަޒީރު އާޑާން ވިދާޅުވި ގޮތުގައި ނިއު ޒިލެންޑުން ދަނީ އަންނަ ހޮނިހިރު ދުވަހު ކޮވިޑް ވެކްސިން ޖަހަން ފަށަން ތައްޔާރުވަމުންނެވެ. އެގޮތުން އެގައުމުން ދޭން ހަމަޖެހިފައި ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފައްދާފައިވާ ކޮވިޑް ވެކްސިނެވެ.