14 Feb 2021, 15:22
ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތެެރޭގައި ބޮލީވުޑުން ވިދާލި ބަތަލާ ނީލަމް ކޮތާރީ އާއިލާ އާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
ނީލަމް އާއި އޭނާގެ ފިރިމީހާ ސަމީރު ސޯނީ އަދި ދަރިފުޅު އަހާނާ ރާއްޖެ އައިސްފައިވަނީ ހުކުރު ދުވަހުއެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ލިލީ ބީޗް ރިސޯޓުގައެވެ.
ނީލަމް 51، ބޮލީވުޑަށް ތައާރަފުވީ 1984 ވަނަ އަހަރު ފިލްމު ޖަވާނީ އިންނެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ފިލްމު އިލްޒާމް، އަންދާޒް ޕިޔާރްކާ، ލަވް 86 ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވެއެވެ.
އަގްނީޕަތް، ކަތްރޯންކީ ކިލާޅީ އަދި ސިންދޫރް އާއި ހަމް ބީ އިންސާންހޭ ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ނީލަމް މިހާރު މަސައްކަތް ކުރަނީ އަމިއްލަ ވިޔަފާރިވެރިއެއްގެ ގޮތުަގއި ޖުވެލަރީ ޑިޒައިނަރަކަށެވެ.
ނެޓްފިލިކްސް އިން ދެއްކި ދަ ފެބިޔުލަސް ލައިވްސް އޮފް ބޮލީވިޑް ވައިވްސްގައި ވެސް ނީނަލް ފެނިގެން ގޮސްފައިވެއެވެ.
ނީލަމްގެ ފިރިމީހާ ސަމީރު 52، 1996 ވަނަ އަހަރު ހިންދީ ސީރިއަލް ސަމަންދަރު އިން ތައާރަފުވި އެކްޓަރެކެވެ. ފީޗާ ފިލްމަކަށް އޭނާ އެންމެ ފުރަަތަމަ ކުޅުނީ 1998 ވަނަ އަހަރު ނިކުތް ޗައިނާ ގޭޓް އެވެ.
ކަބީ ތުމް ކަބީ ހަމް، ބާގްބާން، ފެޝަން، އައި ހޭޓް ލަވް ސްޓޯރީސް،އައި މީ އޯރް ހަމް އަދި ވިވާހް ފަދަ ފިލްމުތަކުން ފެނިގެން ދިޔަ އެކްޓަރު ނީލަމް އާއި ކައިވެނި ކުރީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު ނީލަމް އެނާގެ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯ އަކު ބުނެފައިވަނީ ރާއްޖެ އަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށެވެ.
ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެ އަކީ މަގުބޫލު މަންޒިލެކެވެ. ކޮވިޑު19 އާއެކު ގިނަ ގައުމުތަކެއް ޓޫރިޒަމަށް ބަންދުކޮށްފައިވާއިރު، ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމް ކޮށްފައިވާ އެއާ ބަބުލް އެގްރިމެންޓުގެ ދަށުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ވައިގެ ދަތުރުތައް ބާއްވާއިރު އެ ގައުމަކީ ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.